ޔުމްނު އާއެކު ހ. ފެންޓެނޯއިގޭގައި އުޅުނު ރައުދު
ޔުމްނު އާއެކު ހ. ފެންޓެނޯއިގޭގައި އުޅުނު ރައުދު
އަންހެން މީހާ ވެއްޓުނު މައްސަލައިގައި ތުހުމަތު ކުރެވޭ 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އަންހެން މީހާ މާލޭގެ ހ. ފެންޓެނޯއީގެ އިން ވެއްޓުނުއިރު، އެ އިމާރާތުގައި އޭނާއާއެކު ރައުދު އުޅެފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރައުދުގެ ފަރާތުން ތަހުގީގަށް އެކަށީގެންވާ މިންވަރަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. މި ސަބަބާހުރެ ރައުދު ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ނަވީން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް މި މައްސަލައިގެ ތަހުގީގަށް ރައުދުއާ ސުވާލު ކޮށްފައެވެ. އަދި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްތޯ ބަލަމް ހެދި ޓެސްޓުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވި ކަންވެސް ފުލުހުން މީގެ ކުރިން ހާމަ ކޮށްފައިވެއެވެ.

މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވިނަމަވެސް، އޭރު އޭނާ ހައްޔަރު ނުކުރި ސަބަބު އޮޅުންފިލުވުމަށް ނޫސްވެރިން ސުވާލުކުރުމުން ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ނުވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާތީ ކަމަށެވެ.

މި ބައްދަލުވުމުގައި ސީޕީ ޝުޖާއު ވިދާޅުވީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ މީހާ ބަންދުގައި ބަހައްޓަނީ ހަމައެކަނި އޭނާ އަތުން މަސްތުވާތަކެތި ފެންނަ ހާލަތްތަކުގައި ކަމަށެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ރޭ ހެންވޭރު ފުލުސް ސްޓޭޝަން ކުރިމަތީ އިހުތިޖާޖުވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން