ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި މިނިވަން އަދި އިންސާފުވެރި ތަޙުޤީޤެއް ކުރިއަށް ގެންދިއުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަގުތުން ސަސްޕެންޑްކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ގޮވާލައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅޭ ތަޙުޤީޤަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި މި މައްސަލައިގައި އިންސާފުވެރި ތަޙުޤީޤެއް ކުރިއަށް ނުދާ ކަމަށާއި، ހާދިސާގެ މަޢުލޫމާތު ސިއްރުކުރަމުންދަނީ މިކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކަކީ ސަރުކާރުގެ ނުފޫޒުގަދަ ބައެއް ފަރާތްތަކާއި އެ ފަރާތްތަކާ ޢާއިލީގޮތުން ގުޅުންހުރި ބައެއްކަމަށް ތުހުމަތުކުރެވޭތީ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ބުނީ މި ހާދިސާއާ ގުޅުންހުރި އެއް އިމާރާތަކީ މިނިސްޓަރު އަމީން ދިރިއުޅުއްވާ ގެ ކަމަށާއި، ހާދިސާގައި ޝާމިލްވާ ބައެއް ފަރާތްތަކަކީވެސް މިނިސްޓަރު އަމީނާ ޢާއިލީގޮތުން ގުޅުންހުރި ފަރާތްތަކެއް ކަމަށެވެ. މި ސަބަބުތަކަށްޓަކައި، ތަޙުޤީޤަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް މިނިސްޓަރު އަމީނަށް ރައްދުވެފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނީ، މި މައްސަލައިގައި މިނިވަން އަދި އިންސާފުވެރި ތަޙުޤީޤެއް ކުރިއަށް ގެންދެވޭނީ މިނިސްޓަރު އަމީން މަޤާމުން ވަކިކޮށް ނުވަތަ ސަސްޕެންޑްކުރުމަށްފަހު ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން، މިނިސްޓަރު އަމީން މަޤާމުގެ މަސްއޫލިއްޔަތުން މިވަގުތުން ވަގުތަށް އެކަހެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒަށްް އެޕާޓީން ގޮވާލާފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން މިނިސްޓަރު އަމީން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި، ތަޙުޤީޤަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، ފުލުހުންގެ އެއްވެސް ބޭފުޅަކަށް ނުވަތަ އެހެން ފަރާތަކަށްވެސް މިކަމުގައި ވަކިގޮތަކަށް ޢަމަލުކޮށްދިނުމަށް އެދި ގުޅާފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން