މުލަކު އަތޮޅު މުލީގައި އަލަށް ތަރައްޤީކޮށްފައިވާ އެއާޕޯޓަށް މިއަދު ކާމިޔާބުކަމާއެކު ޓެސްޓު ފްލައިޓެއް ޖައްސައިފިއެވެ.

ޓެސްޓު ފްލައިޓްގެ ގޮތުގައި ޖައްސާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެކެވެ. ރީޖަނަލް އެއަޕޯޓްސް ކުންފުނިން ބުނީ އެސެސްމަންޓްތައް ނިންމައި، ވީހާވެސް އަވަހަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިއަދު ޓެސްޓު ފްލައިޓު ޖެއްސި އިރު ކުރިޔަށް އޮތް ހަފްތާގައި އެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ވަނީ ނިންމާފައެވެ. މި އެއާޕޯޓު ހުޅުއްވައި ދެއްވާނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަންނަ ހަފްތާގައި އެއަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ.

އެކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވީ، ‏މ. އަތޮޅުގެ ރައްޔިތުންގެ ދަތުރުފަތުރުގެ ފަސޭހައަށް އަދި އެއަތޮޅުގައި ފަތުރުވެރިކަން ފުޅާވެ އިޤްތިޞާދީ ނަފާ އިތުރުކުރުމަށް މުލީ އެއާޕޯޓަކީ ނުހަނު މުހިއްމު ބިނާރެއް ކަމަށެވެ. މި އެއާޕޯޓު ޢާންމު ދަތުރުތަކަށް ހުޅުވުމަށް ކުރެވެމުންދާ މަސައްކަތުގައި މިއަދަކީ މުހިއްމު ދުވަހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުލީ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކައި، 1200 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 212 މިލިއަން ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން