ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާއިން ކާބޯތަކެތީގެ އެހީ އެއްކޮށް ހުސްވެފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދ. ގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ޑަބްލިޔުއެފްޕީން އިން މިއަދު ބުނީ ޣައްޒާއަށް ކާބޯތަކެތީގެ އެއްވެސް ސާމާނެއް ވެއްދުމަށް ޔަހޫދީން ހުރަސްއަޅާތާ އަށް ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. މީގެ ކުރިން އެ އިދާރާއިން 400،000 އެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން ދިޔަ ނަމަވެސް، މިހާރު ވަނީ އެ އިދާރާގެ ހުރިހާ ރިޒާވްތަކެއް ހުސްވެފައި ކަމަށް ވަނީ ބުނެފައެވެ.

ޣައްޒާގައި ޙަރަކާތްތެރިވާ އެންމެހާ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭ ގޮތުން އެއް މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން ދިޔަ ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އދ. ގެ އިސްވެރިޔާ އެންތޯނިޔޯ ގުތޭޚޭޝްގެ ތަރުޖަމާނު ސްޓެފާން ދުޖަރިކް ވިދާޅުވެފައިވަނީ، އިސްރާއީލުން ހުރަސްއެޅުމުގެ ސަބަބުން އެއްވެސް ސާމާނެއް ޣައްޒާއަށް ނުވެއްދޭ ކަމަށެވެ. އެހެންވެ އެ ސަރަޙައްދުން ކާބޯތަކެއްޗާއި ފޭލިގެ ފަދަ ތަކެތި ހިމެނޭ ގޮތަށް ހުރިހާ އަސާސީ ސާމާނު މިހާރު ހުސްވެފައިވާ ކަމަށެވެ.

އދ. ގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، 116،000 މެޓްރިކް ޓަނުގެ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ތައްޔާރަށް އެބަހުއްޓެވެ. އަދި މި ތަކެތިން އެއް މިލިޔަން މީހުންނަށް ހަތަރު މަސް ދުވަހަށް ކާންދެވޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އޮކްޓޯބަރު ހަތެއް 2023 އިން ފެށިގެން މިހާތަނަށް ޔަހޫދީންގެ ޙަމަލާތަކުގައި ފަލަސްތީނުގެ 51،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ގެދޮރު ގެއްލިފައިވާ އެތައް ހާސް ރައްޔިތުންނެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން