މިދިޔަ ހުކުރު ދުވަހުގެ ފަތިހު އުސް އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދެއްވާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިހިނގާ އޭޕްރީލް 18، ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހި ޒުވާނުންތަކެއް އިސްނަގައިގެން ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށާފައެވެ. އެމުޒާހަރާގައި ޔުމްނަށް އިންސާފު ހޯދައިދިނުމަށާއި ވަޒީރު އިހްސާނާއި ސީޕީ ޝުޖާޢު އަދި ޓްރާންސްޕޯޓް މިނިސްޓަރު އަމީންގެ އިސްތިއުފާއަށް އަންނަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ މީޑިޔާއަކަށް ދެއްވި އިންޓަވިއު އެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޔުމްނު އަށް އިންސާފު ހޯދައިދީ ދެފުށް ފެންނަ ތަހުޤީޤެއް ހިންގުމަށް މުޒާހަރާގައި ކުރާ ޑިމާންޑަށް އިޖާބަ ދެއްވާނެ ކަމަށާއި އެކަން 100 ޕަސެންޓް ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. އަދި އެކަން ކުރުމަށް މިނިސްޓްރީ އިން ކުރަންޖެހޭ ކަންކަން ކުރަށްވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ އެމައްސަލައިގައި އޭނާ އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

އިހުސާން ވިދާޅުވީ އޭނާ އިސްތިއުފާ ދޭންޖެހޭ މަގުބޫލް ސަބަބެއް މުޒާހަރާކުރާ ފަރާތްތަކަށް މިހާތަނަށް ދެއްކިފަައި ނެތް ކަމަށެވެ. އަދި އިސްތިއުފާއަށް ގޮވަނީ މިކަން ސިޔާސީ ކުރަން ކަމަށްވެސް އިހުސާން ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލެއް މިހާތަނަށް ފާހަގަކުރެވިފައި ނެތް ކަމަށާއި އެހެންކަމުން ކޮމިޝަނަރު ޝުޖާޢު އިސްތިއުފާ ދެއްވަންޖެހޭ ކަމަށްވެސް ގަބޫލުނުކުރަށްވާ ކަމަށެވެ.

"މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމަކުން ފުލުހުން އިހުމާލުވެފަ އޮތް ކަމަކަށް ނުފެނޭ. އެކަމަކު އަޅުގަނޑު ގަބޫލުކުރަން މައުލޫމާތު ދިނުމުގައި، ސެޝަންތައް ބާއްވާއިރު ފުލުހުންގެ އެކްސްޕްލެނޭޝަންތައް އެއަށްވުރެ ސާފު ކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން