އިންސާފުގެ ކުރިމަތީގައި އެއްވެސް މީހެއް އެމަނިކުފާނަށް މުހިންމު ނޫން ކަމަށާއި ރިޔާސީ ކޮމިޝަނާއެކު އަންހެންކުއްޖާ ވެއްޓުނު މައްސަލައިގެ ހަޤީޤަތް ހޯދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއެކު ކަމުގެ ހަޤީޤަތް ވަރަށް އަވަހަށް ހޯދޭނެ ކަމަށެވެ. މި އިންޓަވިއުގައި ރައީސް މުޢިއްޒު ވިދާޅުވީ އަންހެން ކުއްޖަކު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކަމުގެ ޙަޤީޤަތް ހޯދައި، އިންސާފު ހޯދައިދިނުމަށްކަމަށެވެ.

ރައީސް ވިދާޅުވީ މައްސަަލައިގެ ހަޤީޤަތް ހޯދުމަށް ގިނަ ބާރުތަކާއެކު ކޮމިޝަނެއް މިހާރު އުފައްދަވާފައިވާ ކަމަށެވެ. އަދި އެކޮމިޝަނުން މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަމެއް ބެލުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މިހާރު މިވަނީ މިނިވަން ކޮމިޝަނެއް އުފައްދާފައި. ވަރަށް ގިނަ ބާރުތައް ދީފައިވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ވަރަށް އަވަހަށް ކަމުގެ ހަޤީޤަތް ހޯދޭނެ. ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރު ގޮތެއްގައި މައްސަލަ ނިމެން އަޅުގަނޑު ބޭނުންވަނީ." ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރު އަޅާ ސަރުކާރެއް ކަމަށާއި، އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރެއްވި ބޭފުޅެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އެބަ ތުހުމަތުކުރެވޭ ވަކި ކަމެއް ފޮރުވަން އުޅޭކަމަށް. ޒުވާން ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި މި ކަމުގައި. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިއަދާ ހަމައަށްވެސް ނުފޫޒަކަށް ނުޖެހި ސަރުކާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ޤައުމުގެ އަމާންކަމާއި ހަމަޖެހުމާއި އިންސާފާއި އަދާލަތު ނަގާލުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން