މެލޭޝިޔާ އާއި ރާއްޖެއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތަކުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ބޭއްވެވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ވެރިންގެ މެދުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މުހިންމު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކުޅިވަރު، ފައިނޭންޝަލް ސަރވިސަސް އަދި ޑިޕްލޮމެޓުން ތަމްރީނުކުރުން ހިމެނެއެވެ.

"ސޮއިކުރެވުނު އެއްބަސްވުންތަކާ ގުޅޭ ދާއިރާތަކުން ރާއްޖެއަށް ވަރަށް ބޮޑު ފައިދާތަކެއް ލިބޭނެ. މީގެ އިތުރުންވެސް ދިފާޢީ ދާއިރާއިންނާއި އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓަލެޖެންސް، ސައިބަރ ސެކިޔުރިޓީގެ ދާއިރާއިން ގުޅުންބަދަހިކުރަން ބޭނުންވާކަމަށް ދެންނެވިން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މެލޭޝިޔާއިން ދިވެހިން ތަމްރީނުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާކަމަށެވެ. މެލޭޝިޔަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގުރާމްގެ ދަށުން ރާއްޖޭގެ ސިވިލް ސާވަންޓުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށާއި، މިހާރުވެސް 600 އަށްވުރެ ގިނަ ސްކޮލަރޝިޕް މެލޭޝިޔާގައި ކިޔެވުމަށް އެވޯޑުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތަކާ ބެހޭގޮތުން މެލޭޝިޔާގެ އިންވެސްޓަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންއާއި ރާއްޖޭގެ ޑިޖިޓަލް އަދި މެރިޓައިމް އިކޮނޮމީއާއި ފައިނޭންޝަލް ސަރވިސަސްތަކުގައި އިންވެސްޓްކުރުމަށް އޮތް ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅު ނިއްމާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން