މެލޭޝިއާގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.

މި ދަޢުވަތު ރައީސް މުޢިއްޒު ދެއްވާފައިވަނީ ކުއާލަލަމްޕޫރުގައި ބޭއްވި "މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025" ގައި ދެއްވި ޚިޠާބެއްގައެވެ.

ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެއްވި މި ޚިޠާބުގައި، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި އަލަށް ހުޅުވިގެންދާ ފުރުޞަތުތައް ހޯދުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި ދިވެހިރާއްޖެއަކީ ވަރުގަދަ، އިންކްލޫސިވް އަދި މުސްތަޤުބަލަށް ތައްޔާރުު ޤައުމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ އަޅުގަނޑަށް ވަރަށް މުހިންމު ކަންތައްތަކެކެވެ. އެއީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، އަޅުގަނޑުމެންގެ މުއައްސަސާތައް ވަރުގަދަކުރުމާއި، އަޅުގަނޑުމެންގެ ރަށްތަކުގެ ފުރިހަމަ ޤާބިލިއްޔަތު ހާމަކުރުމެވެ." ރައީސް ޑރ. މުޢިއްޒުގެ ޚިތާބުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، 2040 ވަނަ އަހަރާ ހަމައަށް، މިނިވަންކަން ހޯދިތާ 75 އަހަރު ފުރޭއިރު، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ވިޝަން ހިއްސާކުރެއްވިއެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށް މެލޭޝިއާގެ ވިޔަފާރިތަކަކީ ހަރަކާތްތެރި އަދި ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް އެމަނިކުފާނު ދަޢުވަތު ދެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ އައު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މަޢުލޫމާތު ހިއްސާކުރައްވާ، އިންވެސްޓަރުންނަށް ލިބޭނެ އިންސެންޓިވްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހިރާއްޖެއިން ވަރުގަދަ، އިތުބާރުހުރި އަދި ދެފަރާތަށް ވެސް ފައިދާހުރި ގުޅުންތައް ބިނާކުރުމަށް މަސައްކަތްކުރާނެކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ.

މި ފޯރަމްގައި މެލޭޝިއާގެ އިސް ވިޔަފާރިވެރިންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން