މެލޭޝިއާގެ ދިވެހި ކިޔަވާ ކުދިންގެ ޖަމިއްޔާ އަށް އަހަރަކު 3000 ޑޮލަރު ޖަމާކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދަޢުލަތުގެ ޒިންމާއަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހީން ދިރިއުޅުނު ނަމަވެސް، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން މެލޭޝިއާގެ 'މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަނަށް ކޮންމެ އަހަރަކުވެސް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކޮށްދިނުމަށް ނިންމާފައިވާކަން އެމަނިކުފާނު އިއުލާންކުރެެއްވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި އަންނަ އަހަރު ދައުލަތުގެ ބަޖެޓު ތައްޔާރުކުރާއިރު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތާއި އެހެނިހެން ޚިދުމަތްތައް ދިނުމަށް އިސްކަންދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިހަފުލާގައި ރައީސް ވަނީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހި ވަންތަކަން ހިފެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަޚުރުވެރި ދިވެހިންގެގޮތުގައި އަދި ދިވެހިވަންތަކަމުގައި ދިވެހި ޒުވާނުން ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.

އެކި ކަންކަމުގައި، އެހެން ޤައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެހަމަތައް ދޫކޮށްެލެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިސްލާމްދީނުގައި އޮންނަ ހުދޫދުތަކުން ބޭރުވާ ނަމަ، ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެެެވެ.

ރައީސްގެ ވާހަަކަފުޅުގައި ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސާއި، ޢާއިލާއާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ބާރުއެޅުއްވިއެވެ.

އަދި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކުން، ދިވެހިންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ އުސޫލުތައް ނަގަހައްޓައި، އެކުވެރިކަން އާލާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މިހަފުލާގައި، ރައީސް ވަނީ ދިވެހި އައި.ޑީ ކާޑުގެ ޚިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާޙްކޮށްދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންއާއި އެމަނިކުފާނުގެ އަނބިކަބަލުން އިލްހާމް ޙުސައިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ގިނަ ޢާއިލާތަކާއި ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން