ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
މިމަހުގެ 18 ވަނަ ދުވަހު އަންހެނަކު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާގައި ހިމެނޭ މީހުން ޕާޓީކުރި މއ. މާންދޫގޭ ދެކުނުގެ ސީސީޓީވީ، ހާދިސާ ހިނގިއިރު ހުރީ ހަލާކުވެފައިކަމަށް ފުލުހުން ބުނެފިއެވެ.

އެ ހާދިސާ ހިނގި ރޭ ޒުވާނުންގެ ގުރޫޕަކާ އެކު ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާ ހިމެނޭހެން މަސްތުވާ ތަކެތި ބޭނުންކޮށް ޕާޓީ ކުރިކަމަށް ފުލުހުން ބުނެއެވެ.

އެއަށްފަހު ހާދިސާގައި ހިމެނޭ ޔުމްނު އާއި އޭނާއާ އެކު އުޅުނު ރައުދު ގޮސް ވަނީ ހ. ފެންޓޯނިއޯ ގެއަށެވެ.

ޕާޓީކުރި މީހުންގެ ތެރޭގައި ހިމެނޭ އިޒްދިޔާން މުހައްމަދު މައުމޫނަކީ ޓްރާންސްޕޯޓް މިނިސްޓަރު އަމީނާ އާއިލީ ގޮތުން ގުޅުން އޮންނަ ޒުވާނެކެވެ. އިޒްދިޔާންއަކީ މި މައްސަލާގައި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އެ ދުވަހުގެ ހާދިސާއަށްފަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާދިސާގައި ހިމެނޭ ގެތަކުގެ ސީސީޓީވީ ފުޓޭޖުތައް އެއްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ.

ނަމަވެސް، މިއަދު ފުލުހުން ބުނީ، މިނިސްޓަރު އަމީން ވެސް އުޅުއްވާ މއ. މާއްދޫގެދެކުނު ގޭގެ ސީސީޓީވީ ކެމެރާތަކަށް މައްސަލައެއް ޖެހިފައިވާތީ އެ ގޭގެ ފުޓޭޖުތައް ލިބިފައި ނުވާކަމަށެވެ.

ފުލުހުން ބުނީ އެ ގޭގެ ވެރިފަރާތުން ބުނިގޮތަށް ސީސީޓީވީ ކެމެރާ ހަލާކުވެފައިވޭތޯ ޔަގީންކުރަން މަސައްކަތް ކުރިކަމަށެވެ. އަދި ކުރި މަސައްކަތުން ފުޓޭޖު ނެތްކަން ކަށަވަރުކުރެވިފައިވާ ކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.

މި ހާދިސާގެ ތަހުގީގަށް އެންމެ މުހިންމު އެއް ސީސީޓީވީ ފުޓޭޖަކަށްވާނީ މާންދޫގެދެކުނު ގޭގެ ފުޓޭޖުނަމަވެސް އެ ފުޓޭޖު ހޯދޭގޮތް ނުވުމުން ގިނަ ބަޔަކު ދަނީ އެކަމުގައި ސުވާލުތައް އުފައްދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން