ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑެއް
ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑެއް
މުޖުތަމަޢު ދުންފަތާ ދުރުކުރުމަށް، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ތަންފީޒުކުރުމަށް ނިންމާފައިވާ "ޖެނެރޭޝަން ބޭން" ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން 2007ގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އެކަކުވެސް ދުންފަތުގެ އެއްވެސް އުފެއްދުމެއްގެ އިސްތިއުމާލުކޮށްގެން ނުވާނެ އެވެ. އަދި އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެންވެސް ނުވާނެ ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.

ދުންފަތުގެ ބާވަތެއް ވިއްކުމުގެ ހުއްދަ ލިބިފައިވާ ތަނެއް ވިޔަސް ދުންފަތުގެ ބާވަތެއް ވިއްކާއިރު އެއިން އެއްޗެއް ގަންނަ މީހަކީ 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން އެތަަނަކުން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.

އަދި ދުންފަތުގެ ބާވަތްތައް ވިއްކާއިރު ގަންނަ މީހާއަކީ 2007ގެ ފަހުން އުފަންވެފައިވާ މީހެއް ކަމަށް ބެލެވޭ ނަމަ ކާކުކަން އަންގައިދޭ އައިޑީ ކާޑު ނުވަތަ އެފަދަ ލިޔުމެއް ހިމެނޭ އެއްޗެއް ބެލުމަށް ފަހު އުމުރު ކަށަވަރުކުުރުމަށް ފަހު ނޫނީ ނުވިއްކޭނެ ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.

2007ގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއްކަން އަންގައިދޭ އިންޒާރު ހިމެނޭ ލިޔުމެއް ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި ހުންނަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން