ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ ފަހަކަށް އައިސް ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ސްކޭމްތައް އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފުލުހުން ވަނީ ބޭރު ފައިސާ މާރު ކުރާ ވައިބާ ގްރޫޕެއްގެ ދެ ސްކްރީންޝޮޓްވެސް އާއްމު ކޮށްފައެވެ.

ސްކޭމް ސެންޓަރުން ބުނީ ބޭރުފައިސާ މާރުކުރުމަށް މުއާމަލާތްކުރާ މެސެޖިންގ އެޕްތަކުގެ (ވައިބަރ، ޓެލެގްރާމް އަދި ވަޓްސްއެޕް) ގްރޫޕްތަކުގައި ސްކޭމަރުން ތިބޭ ކަމަށެވެ. އަދި މުއާމަލާތްކުރާއިރު އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަދަ ގޮތް ގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، ސަމާލުވުމަށް ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން މީގެ ކުރިންވެސް ވަނީ އެދިފައެވެ.

ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަގްސަދުގައި އުފައްދާފައިވާ "އެންޓި -ސްކޭމް ސެންޓަރު" ގެ ހާއްސަ ނަމްބަރަކީ 125 އެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާ ގުޅޭ ފިޔަވަޅުތައް އެޅުމާއި، އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި-ސްކޭމް ސެންޓަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން