ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ޙަމީދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ސިޔާސީ އަދި އިޤްތިޞާދީ ގޮތުންވެސް ފަސޭހަ ފިޔަވަޅުތަކެއް ނޫން ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ޙަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޙަމީދު ވިދާޅުވީ ރައީސް މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ފަސޭހަ ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

ނަމަވެސް މިޤައުމުގެ ޒުވާން ޖީލުގެ ޙައްޤުގައި ރައީސް ކުރަށްވަމުން ގެންދަވަނީ ތަޢުރީފް ޙައްޤު މަސައްކަތެއް ކަމަށް މެންބަރު ޙަމީދު ވިދާޅުވިއެވެ. އެގޮތުން ރައީސް ގެންދަވަނީ ކުރިމަގުގެ ޖީލު ދުންފަތުގެ ވަބާއިން ސަލާމަތް ކުރެވޭނެ އެންމެހައި މަގުތަކެއް ކޮށްޓަވަމުންކަން ޙަމީދު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ސަރުކާރުގެ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ދުންފަތުން ލިބޭ ޓެކްސް އިންތިހާއަށް ކުޑަވެގެންދާކަން އެންމެނަށްވެސް އެނގޭ ކަމަށާއި އެހެންކަމުން އެއީ އިޤްތިޞާދީ ގޮތުންވެސް ފަސޭހަ ފިޔަވަޅެއް ނޫންކަމަށް ޙަމީދު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ދުންފަތުން ލިބޭ ސިއްޙީ ގެއްލުންތައް ބުނެދީގެން އެކަން ކޮންޓްރޯލް ކުރުމުގެ އުއްމީދު މިއަދު ގެއްލިފައިވާ ކަމަށާއި، އެހެންކަމުން ދުންފަތް ބޭނުންކުރާ މީހުންނަށް އާސަންދަ ދިނުމާމެދު ވިސްނާލަން ނުވޭތޯ ޙަމީދު ސުވާލު އުފައްދަވާފައިވެއެވެ.

ހަމައެހެންމެ މިއަދުގެ ޖަލްސާގައި ޙަމީދު ވިދާޅުވީ މާޒީގައި ބައެއް ވެރިންގެ ވެރިކަންތަކުގައި ފަސޭހަ ކަންތައްތައް ކޮށްލާފައި ފައިބައިގެން ދިޔަ ނަމަވެސް ރައީސް މުޢިއްޒު އުނދަގޫ ފިޔަވަޅުތަކެއް ޤައުމުގެ ޙައްޤުގައި އަޅުއްވަމުން ގެންދަވާ ކަމަށެވެ.

މެންބަރު ޙަމީދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި އޮތީ ޖެނެރޭޝަން ބޭން ތަންފީޒުކުރާނެ ގޮތާއި، ވޭޕް މަނާކޮށްފައިވާތީ އެކަން ތަންފީޒުކުރުމަށް ފުލުހުންނަށް އިތުރު ބާރު ދިނުމަށާއި، ދުންފަތް އުފެއްދުމަށް ބޭނުންކުރާ އިތުރު ތަކެތި މަނާކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން