ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުނައްވަރު
ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުނައްވަރު
ޗާގޯސް މައްސަލައިގައި ކުރެއްވި މަސައްކަތްތައް ކާމިޔާބު ނުވުމަކީ ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމުގެ ހެއްކެއް ނޫން ކަމަށާއި އަދި އެއީ އަޅައިކިޔޭނެ ކަމެއް ނޫންކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. މުނައްވަރު މިހެން ވިދާޅުވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ޒުވާނަކު ވެއްޓުނު މައްސަލައިގެ ހަގީގަތް ހޯދުމަށް ރައީސް މުއިއްޒު އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ ދެކުނުން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯއްދަވަން މުނައްވަރު ވަކާލާތުކުރެއްވުމަށް ފަހު ދެން ކަން ހިނގި ގޮތާމެދު ސުވާލު ކޮށްފައެވެ. އަދި އެ ކަން ކާމިޔާބުނުވެ އޮތުމާއި ކޮމިޝަންގެ މަސައްކަތް ކާމިޔާބުކުރުމާ ގުޅުވައިގެން ވެސް ބައެއް ނޫސްވެރިން ސުވާލު އުފެއްދިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މުނައްވަރު ވިދާޅުވީ އެ މައްސަލައިގައި އަސްލު "އިޝޫ" އަކީ ޗާގޯސްއެއް ނޫން ކަމަށެވެ. އަދި އެއަށް ޗާގޯސް މައްސަލައޭ ކިޔާ ސަބަބެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ.

މިއީ ދިވެހި ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުތަކުގެ ތެރެއިން ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދު އެހެން ދައުލަތެއްގެ އިގްތިސާދީ ސަރަހައްދާ ފުށޫ އަރާ ކަމަށް ބުނެ، އެ މައްސަލަ އިންޓަނޭޝަނަލް ލޯ އޮފް ދަ ސީ ޓްރައިބިއުނަލް އަށް އެ ދައުލަތުން ހުށަހެޅުމުން ކުރިއަށްދިޔަ މައްސަލައެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ.

"މި މައްސަލާގައި އަޅުގަނޑު ދެންނެވިހާވެސް އެއްޗަކީ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދައުލަތުގެ އިދާރާތަކާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދަވާށޭ، ސިއްރު ނުކުރައްވާށޭ." ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ޢިޝާރާތް ކުރައްވައި މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ މައްސަލަ ނިމެން ކައިރިވީއިރުވެސް، އޭރުގެ ސަރުކާރުން ނަގަންޖެހޭ ޕޮޒިޝަން ނުވަތަ ސްޓޭންޑު ނުނަންގަވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މައްސަލަ ނިމިގެންދިޔައިރު ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ގެއްލިގެން ދިޔަ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 މޭލު ލިބުމަށް ފަހުގައި ބާކީ އޮތް އެއްޗެއް އެހެން ދައުލަތަކަށް ލިބެން ޖެހޭނީ. އެ ވާހަކަ އަޅުގަނޑު އަބަދުވެސް ދެއްކީ. މިއަދު ވެސް މި ދައްކަނީ،" މުނައްވަރު ވިދާޅުވިއެވެ.

އެ ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މުނައްވަރު ވިދާޅުވީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު މި މައްސަލަ ބެއްލެވުމަށް ބަންޑާރަ ނާއިބުގެ އޮފީހުގައި ކޮމިޓީއެއް އުފެއްދެވި ކަމަށެވެ. އެ ކޮމިޓީގެ އިސް ބޭފުޅަކަށް އުޅުއްވީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ބަންޑާރަ ނާއިބުގެ އޮފީހުން މުނައްވަރުގެ "އޮޕީނިއަން" އެއް ހޯދަން މަސައްކަތް ކުރި ކަމަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް މަސައްކަތް ކުރެއްވީ މުނައްވަރަށް އުޖޫރައެއް ލިބިވަޑައިގަންނަވާ ގޮތަށް އެގުރިމެންޓެއް އެކުލަވާލުމަށް ކަމަށެވެ. ނަމަވެސް މިއީ ގައުމީ މައްސަލައަަކަށް ވުމުން އެގޮތަށް އެކަން ކުރައްވަން ދެކޮޅު ހެއްދެވި ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ ގައުމީ މައްސަލައަކަށް ވުމުން ފައިސާއަށް އެކަން ކުރައްވަން ބޭނުންފުޅު ނުވީ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމުގައި ގާނޫނީ އެހެން މައްސަލަތަކެއްވެސް ހުރުމާއެކު އޭރު އެ އެގްރީމެންޓުގައި ސޮއި ކުރައްވަން ރަނގަޅު ކަމަށް ފެނިވަޑައިނުގަތް ކަމަށެވެ. އެފަހުން ސަރުކާރުގެ ފަރާތުންވެސް، ބަންޑާރަ ނާއިބުގެ އޮފީހުންވެސް މިކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ އެފަހުން ރައްޔިތުންގެ ތެރެއިން ޖަމިއްޔާއަކުން މި މައްސަލައާ ގުޅޭ ގޮތުން އޭނާގެ ލަފާ ހޯދަން މަސައްކަތް ކުރި ކަމަށެވެ. އެހެންވެ ދިވެހި ދައުލަތަށް އޮތް ހައްގު ހޯދަން މަސައްކަތް ކުރުމުގައި އޭނާ އަދިވެސް ދެމިހުރި ކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތްތަކާ މަޝްވަރާ ކުރައްވަން މަސައްކަތް ކުރިނަމަވެސް އެކަން އަދި ފަހިވެފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެހެންވީމަ އަޅުގަނޑުގެ ވިސްނުމަކަށް ނާދޭ އަޅުގަނޑު ދިވެހި ދައުލަތުގެ ހައްގުގަ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން ކުރި ކަންތައްތަކާ، އަދި މިހާރު ޗާގޯސް މައްސަލައާ ގުޅިގެން ކުރަމުންދާ މަސައްކަތާ ގުޅިގެން އިތުބާރު ގެއްލެން ޖެހޭ ކަމަކަށް." މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ މިކަމުން ވެސް ދޭހަވަނީ އޭނާ އަކީ ހިފައިފި ކަމެއް ދޫކުރާނެ މީހެއް ނޫންކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލަ ވީހާވެސް އަވަހަށް ބަލައި ނިންމަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވުމުގެ ޖާގައެއް ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން