އިސްރާއީލުގެ ހަރުކަށި ފިޔަވަޅުތަކާއެކު ޣައްޒާގެ ނިކަމެތި ރައްޔިތުން ބަނޑުހައިހޫނުކަމުގައި މަރުވެ ހުސްވަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޭރުގެ އެހީތައް ހުއްޓުވާފައިވާއިރު އިސްރާއީލުން ދަނީ ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުން އެއްކޮށް ހަލާކުކޮށް ފެނާއި އެހެންނިހެން ޒަރޫރީ އެއްޗިސްވެސް މެދުކަނޑަމުންނެވެ. ޣައްޒާގެ ރައްޔިތުން ކާއެއް ހޯދަން އެއްވާ ތަންތަނަށްވެސް އިސްރާއީލުން ދޭ ހަމަލާތައް މިހާރު އިތުރުވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ މެޑިކަލް މަސްދަރުތަކާ ހަވާލަދީ ބޭރުގެ މީޑިޔާ، އަލްޖަޒީރާއިން ބުނީ ބުރާސްފަތި ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 31 މީހުން މަރުވެފައިވާކަމަށެވެ. އަދި މިއަދު ދިން ހަމަލާތަކުގައި އިތުރު މަރުތަކެއް ރިޕޯޓްކޮށްފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ.

އަލްޖަޒީރާގެ ނޫސްވެރިން ޣައްޒާގައި ހަރަކާތްތެރިވަމުންދާއިރު އެ ނޫހުން ބުނީ އެ ސިޓީއަށް ބޭރުގެ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ދީފައިވާ އެހީތައް އެތެރެވުން ހުއްޓުވާފައިވާތާ 60 ދުވަސް ވެފައިވާ ކަމަށެވެ. އިންސާނީ އެހީއަށް ހުރަސް އެޅުމަކީ އާބާދީ "ގަސްތުގައި މަރާލުން" ކަމަށް އެ ނޫހުން ސިފަކުރެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ޣައްޒާއާ ދެކޮޅަށް އޭނާ ކުރާ ހަނގުރާމައިގެ މައިގަނޑު މަގުސަދަކީ އިސްރާއީލުގެ އަސީރުން ރައްކާތެރިކަމާއެކު އެނބުރި އައުން ނޫން ކަމަށާއި "އަހަރެމެންގެ ދުޝްމަނުންގެ މައްޗަށް ކާމިޔާބީ" ހޯދުން ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 52،418 މީހުން މަރުވެ، 118،091 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސިޓީގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ އަޅުވެތިކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން