އެހެން މީހުންގެ ހައްގުތައް ނުގެއްލޭ ގޮތަށް މުޒާހަރާތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އެޗްއާރުސީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާނޫނުއަސާސީން އެއްވެއުޅުމުގެ މިނިވަންކަން ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ހައްގުގެ ބޭނުންކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ، ހައްގުތަކަށް އިހުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށް އެކޮމިޝަނުން ބުނެއެވެ.

އެޗްއާރުސީއެމުން ބުނީ އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިނގާވާ މީހުންނާއި އެ ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.

އެކޮމިޝަނުން ވަނީ މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމަށްވާތީ މަގުތަކުގައި އަޑުގަދަނުކޮށް އެފަދަ އެއްވުންތަކުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

"އަދި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް މި ކޮމިޝަނުން ގޮވާލަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެއެެވެ.

އެޗްއާރުސީއެމުން ވަނީ މުޒާހަރާތައް ރޫޅާލުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުންނަށް ވެސް އިލްތިމާސްކޮށް ފުލުހުން އަމަލުކުރަން ޖެހޭ އިޖުރައާތުތަކަށް ސަމާލުވުމަށާއި އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން