އެމްޑީޕީގެ މުޅި ވިސްނުމަކީ ރާއްޖޭގެ ވެރިކަން ޑިކްޓޭޓަރޝިޕަކަށް ނުވަތަ ރަސްކަމަކަށް ބަދަލުވެގެން ދިޔަނުދިނުން ކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ، ޤާނޫނުއަސާސީގައި ދިވެހި ރައްޔިތުންނަށް ދީފައިވާ ހަމަހަމަކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ޒުވާނުން މަގުމައްޗަށް ނުކުމެ އަޑުއުފުލަމުންދާ ކަމަށެވެ. އަދި މިއީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އުފަންނުވާ ކުދިންގެ ގޮތުގައި ތިބި ކުދިންވެސް މި ތިބީ އަތުކުރި އޮޅާލައިގެން ނުކުމެ އެ ޤާނޫނުއަސާސީގެ ދިފާޢުގައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވާން،" ޝާހިދު ވިދާޅުވިއެވެ.

މަޖިލީހުގެ ކުރީގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކޮށްގެން، އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ޒުވާނުންނަށް ނުކުމެ އަޑުއުފުލޭނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބިރުދައްކަވައިގެން ވެރިކަމުގައި "ބަގުޑި ބައްދައިގެން" އަބަދު ނޯންނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ޒުވާނުން ނުކުންނާނެ. ރައްޔިތުންގެ ތެރެއިން ނުކުންނަ ޒުވާނުންނާ އަޅުގަނޑުމެން ބައިވެރިވާނަން. އަޅުގަނޑުމެން މި ދައްކަނީ އެއް ވާހަކައެއް،" މާލޭގެ ގެއެެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ކަމަށް ބުނެ ޒުވާނުންގެ ނަމުގައި ބަޔަކު ކުރަމުން ގެންދާ މުޒާހަރާ ތަކަށް އިޝާރަތް ކުރަށްވަމުން ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މި ޤާނޫނުއަސާސީ ގެނައުމުގައި އެމްޑީޕީން އަދާކުރި ދައުރު ބޮޑު ކަމަށާއި، ޤާނޫނުއަސާސީގެ ދިފާޢުގައި އަދި ރައްޔިތުންގެ ޙައްޤުތައް ދިފާޢުކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި ވިސްނުމަކީ މި ރާއްޖެ ޑިކްޓޭޓަރޝިޕަކަށް ދިޔަނުދިނުން، ރަސްކަމަކަށް ބަދަލުވެގެން ދިޔަ ނުދިނުން، ހިތުހުރި ގޮތަކަށް ކަންކުރާ ތަނަކަށް ބަދަލުވެގެން ދިޔަ ނުދިނުން. އެކަމަކަށް އެމްޑީޕީ ދުވަހަކު ވެސް ފުރުޞަތެއް ނުދޭނެ،" ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން