އެކި ބޭނުންތަކަށް ބިން ހިއްކުމުގެ ބަދަލުގައި ބޭރު މީހުންނަށް ކުރީގެ ސަރުކާރުން ދޫކުރި ހުރިހާ ބިންތަކެއް ސަރުކާރަށް މިހާރު ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން އޭގެ ބަދަލުގައި ދީފައިވާ އެއްވެސް ބިމެއް މިހާރު ނޯންނާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން މިފަދަ މަޝްރޫޢުތަކާ ގުޅިގެން ބައެއް ކުންފުނިތަކަށް ބިން ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ހުޅުމާލެ ފޭސް 3 ގެ މަޝްރޫޢާ ގުޅިގެން ތިލަފުށިން 10 ހެކްޓަރުގެ ބިމެއް ދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެއީ ބޭރު ފަރާތުން ހިއްކީމަ އޭގެ ބަދަލުތައް. އެހެންވީމާ އެ މަޝްރޫޢު ވެސް، އެ އެގްރީމަންޓް ބާތިލުކޮށްފި. މިހާރު ޙަޤީޤަތުގައި މި ތިލަފުށިން ދިހަ ހެކްޓަރު ދިން ދިނުން ވެސް މިހާރު އަތުލައިފި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މިހާރު ބިން ހިއްކި އެއްވެސް ފަރާތެއްގެ އަތުގައި ކުރީގެ ސަރުކާރުން ދީފައިވާ ބިމެއް ނޯންނާނެ ކަމަށެވެ. އަދި މިފަދަ ހުރިހާ ބިމެއް ކެންސަލްކޮށް، ސަރުކާރަށް ނަގާފައިވާ ކަމަށް ވެސް ރައީސް ހާމަކުރެއްވިއެވެ.

"މިހާރު ނޯންނާނެ ބޭރު ކުންފުންޏަކުން ރާއްޖޭގެ ބިން ހިއްކުމުން އޭގެ ބަދަލުގައި ދީފައި އޮތް ބިމެއް. އެ ބިންތައް އަތުލައިފިން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ނިންމުމަކީ ރާއްޖޭގެ ބިމާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން