ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން، ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި އެހެން ވަސީލަތްތައް ހޯދައިދެމުން އަންނަނީ 'ކޮންމެހެން' ހަނގުރާމައެއް ކުރާކަަށް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި އެހެން ވަސީލަތްތައް ހޯދައިދެމުން އަންނަނީ ހަނގުރާމަ ކުރަން ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ހާލަތު އޮތީ ލަދުގަންނަން ޖެހޭ ހާލަތެއްގައި ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ފަޔާ ރެސްކިއުގެ ވަސީލަތްތައް ވެސް ދެ އަހަރަށް ބަހައިލައިގެން ގާއިމްކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކޯސްޓުގާޑުގެ ނަމުގައި ހުރީ 'ކުދިކުދި' ލޯންޗުތައްކަމަށާއި ކޯސްޓު ގާޑު ދެގުނަ ކުރައްވަން ނިންމެވީ ވެސް އެހެންވެ ކަމަށެވެ.

ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަކީ ބޮޑު ސަރަހައްދެއް ކަމަށާއި އެ ސަރަހައްދު ބަލަހައްޓަން ކޯސްޓުގާޑު ވަރުގަދަކުރުން މުހިންމުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކުރަންޖެހޭ އަސާސީ ކަމެއް ހަގީގަތުގައި މިއީ އެހެންވީމަ ކޯސްޓްގާޑު ދެ ގުނަ ކުރަން ނިންމީ މިހާރު ރޭގައި އެއް ބައި އެ މަޝްރޫޢު ހަވާލުކުރެވިގެން އުޅަނދުތައް ބަންނަމުން އެ ދަނީ އެހެންވީމާ ކޯސްޓްގާޑުގަ ކެޕެސިޓީ އިތުރު ކުރަނީ ވެސް އަޅުގަނޑުމެންގެ ޓެރެޓަރީ ބަލަހައްޓަން އަޅުގަނޑުމެން އީއީޒެޑް ވަރަށް ބޮޑު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށްދިނުމަށް، ވަސީލަތުގެ ގޮތުންނާއި، މީހުން ތަމްރީނުކުރުމުގެ ގޮތުން ބޭރު ގައުމަކުން އެހީވާން ބޭނުން ނަމަ އެ ކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި އެ ބައެއްގެ އަސްކަރީ ނުފޫޒު ހިންގުމަށް، ނުވަތަ އަސްކަރީން ގާއިމްވެ ތިބެން އެއްބަސްނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން