ބޭރުގެ ފާޑުފާޑުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެގެން ރާއްޖޭގެ ތަރައްޤީ ސަސްޕެންޑްކުރާން ބޭނުންފުޅު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އިސްލާހީ ފިޔަވަޅުތައް އަޅަންޖެހޭ ގޮތަށް އަޅަމުން އައިސްފައިވާ ކަމަށެވެ. އަދި ރިފޯމް ޕްރޮސެސްގެ އެއްވެސް މިސްޓޭކެއް ނަހަދާ ކުރިއަށް ދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބައެއް އެހެން ޤައުމުތައް ބައެއް އިންޓަނޭޝަނަލް ބޮޑީތަކުގެ ޕްރޮގްރާމުތަކަށް ގޮސް ހަދާ ފަދަ ކަމަކަށް މި ސަރުކާރުން ދާކަށް ބޭނުމެއް ނޫން. އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވެގެން އަޅުގަނޑުމެންގެ ތަރައްޤީ ސަސްޕެންޑް ކޮށްލާކަށް ބޭނުމެއް ނޫން،" ނުސީދާކޮށް އައި އެމް އެފް ގެ ޕްރޮގްރާމަށް ޢުޝާރަތް ކުރައްވާ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ތަރައްޤީ މަޑުޖައްސާލައި، ދިވެހި ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް ހުރަހަކަށް ވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިނުވާނެ ކަމަށް އެ ފަރާތްތަކަށް އަންގަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭރުގެ ލޯނުތަކާއި ދަރަނިތައް ދައްކަމުން ތަރައްޤީ ހާސިލްކޮށް، ޤައުމު ކުރިއަށް ގެންދާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ޕްރޮގްރާމަކަށް ރާއްޖެއިން ނުދާނެ ކަަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ. އެ ޕްރޮގްރާމަކީ އިގްތިސާދީ ދަތިތަކެއް ކުރިމަތިވެފައިވާ މެމްބަރު ގައުމުތަކަށް އައިއެމްއެފުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. އައިއެމްއެފުން ކަނޑައަޅާ ވަކި އުސޫލަކާ އެއްގޮތަށް ޤައުމުގެ ޚަރަދުތަކާއި އިޤުތިޞާދީ ހަރަކާތްތަކާއި ސިޔާސަތުތައް ހިންގަންޖެހޭ މި ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ގައުމުތަކުގެ އިގްތިސާދުތައް ހަމައަކަށް އެޅުވުމާއި، ކުރިއެރުން އަލުން ހޯދުމާއި، ބެލެންސް އޮފް ޕޭމަންޓްތައް ރަނގަޅު ކުރުމަށް އެހީތެރިވުމަށެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ އެހެނިހެން ސިޔާސަތުތަކާ ބެހޭ ގޮތުންވެސް މަޢުލޫމާތު ދެއްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ތަރައްޤީއަށް ކުރަން ރާވާފައިވާ މަސައްކަތްތަކާ ބެހޭ ގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން