ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. މި ނިންމުން ނިންމާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަޙުޤީޤުކުރުމަށްފަހުގައެވެ.

ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

މީގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒާ ގުޅުންހުރި އިތުރު މައްސަލައެއް ވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙުޤީޤުކުރަމުން ގެންދެއެވެ. އެއީ ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުޙައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދު ނުއެކަށީގެންވާ ބަހުރުވައިން ވާހަކަދެއްކެވި ކަމަށް ބުނެވޭ މަޖިލީހުގައި މި ދެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.

ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުޢޫދު ވެސް އޭރު ވަގުތީގޮތުން ސަސްޕެންޑް ކުރިއެވެ. ނަމަވެސް ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ފަހުން މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން