އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކުރި ދިވެހި ބޭންޑް "ޓޫ އޮފް އަސް" މުބާރާތުން ތިން ވަނަ ހޯދައިފި އެވެ.

"ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" އަކީ އިންޑިއާގެ ގައުމީ ޗެނަލް ދޫރުދަރުޝަން ޗެނަލުން ދައްކަމުން އަންނަ މިއުޒިކް ރިއަލިޓީ ޝޯ އެކެވެ. ފަސް މެންބަރުން ހިމެނޭ މި ބޭންޑުގެ ހުނަރުވެރިކަމަށް އިންޑިއާގެ ނަން މަޝްހޫރު އެތައް ފަންނާނުންގެ ސަމާލުކަން ލިބިފައިވެއެވެ. އަދި ކޮންމެ ޕަރފޯމަންސްއަކަށްވެސް ފަނޑިޔާރުންގެ ތަޢުރީފު ލިބެމުން ދިޔައެވެ. މި މުބާރާތުގެ ފައިނަލް މިއަދު ބޭއްވިއިރު، "ޓޫ އޮފް އަސް" ވަނީ މުޅި މުބާރާތުގެ ޝަރަފުވެރި 3 ވަނަ ހޯދާފައެވެ.

މިލިއަނުން މީހުން ބަލަމުންދިޔަ މި މުބާރާތުގައި، ދިވެހި ސަގާފަތާއި، ދިވެހިވަންތަ ވާހަކަތަކާއި ދިވެހިން ވަންތަ މިއުޒިކު ހުށަހަޅައިދިން މި ބޭންޑުން ވަނީ މުޅި ދިވެހިރާއްޖެ ތަމްސީލުކޮށްދީފައެވެ.

"ޓޫ އޮފް އަސް" އިން ހާމަކޮށްފައިވާ ގޮތުގައި މި ހޯދި ކާމިޔާބީއަކީ މުޅި ދިވެހިރާއްޖެއަށް ލިބުނު ކާމިޔާބީއެކެވެ. އެމީހުންގެ ބަހުން މިއީ އެމީހުންނަށް އިތުބާރުކުރި ކޮންމެ މީހެއްގެ، ސަޕޯޓްކުރި ކޮންމެ މީހެއްގެ އަދި ދުރުގައި ތިބި ނަމަވެސް ގާތްކަން އިހުސާސްކޮށްދިން ކޮންމެ މީހެއްގެ ކާމިޔާބީއެކެވެ. މީގެއިތުރުންވެސް މިބޭންޑުން ބުނީ މިކާމިޔާބީއަކީ، ކާމިޔާބީއަށް ވާސިލްވުމަށް ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖައްސުވަައިދޭން އެމީހުންގެ ފަރާތުން ދެވުނު ހިތްވަރެއް ކަމަށެވެ. ވަކިން ހާއްސަކޮށް ޒުވާނުންނަށް އެމީހުންގެ ހުނަރު ދުނިޔޭގެ ފެންވަރުގައިވެސް ދެއްކޭނެކަން ސާބިތު ކޮށްދިނުމަށް ހޯދައިދެވުނު ކާމިޔާބީއެއް ކަމަށް އެބޭންޑުން ބުންޏެވެ.

މި ބޭންޑްގައި ހިމެނޭ ފަސް މެމްބަރުންނަކި، ލީޑް ވޯކަލިސްޓް އަދި ގިޓަރިސްޓެއްގެ ގޮތުގައި އަހުމަދު އަދުހަމާއި، ޑްރަމަރު އަބްދުﷲ ޝަމްރޫހާއި، ވޯކަލިސްޓް އަދި ގިޓަރިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީނުގެ އިތުރުން ލީޑް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އާއި ވޯކަލިސްް އަދި ބަސިސްޓް އަހުމަދު ޖަޝީމްއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން