ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް ނާއިފް ބިން އަލް ޘާނީގެ ގްލޯބަލް އެމްބީއެސް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރެވެ. އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މަރުވާން އަލްހާޖެރީއެވެ. މިރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ޝައިޚް ނާއިފް ބިން އަލް ޘާނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އިން ހާމަކުރި ގޮތުގައި މި މަޝްރޫޢު ހިންގާ ސަރަހައްދުގެ ޖުމްލަ ބޮޑުމިނަކީ 780،000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6،500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށާއި، ދުވާލެއްގެ މައްޗަށް 35،000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ޕްލޭންގައި ހިމެނެނީ ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، އިންޓަރނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތައް ވެސް ހިމެނެއެވެވެ.

މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި، ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި އިންދާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހިޔާލިބޭ މަގުތައްވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވެ، ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް އެމްއައިއެފްސީން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މުސްތަޤުބަލުގައި ރާއްޖޭގައި ޒަމާނީ މާލީ ދާއިރާއެއް ޤާއިމުކުރެވި، ބަހުއްޔަތު ބޭނުންތަކަށް ޚިދުމަތްދޭ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީވެ، އިންޑިއާ ކަނޑު ސަރަޙައްދުގެ އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒަކަށް ރާއްޖެ ވެގެންދާނެ ކަމަށް އެމްއައިއެފްސީން ލަފާކުރެއެވެ.

މި މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް އެމްއައިއެފްސީން އަންދާޒާކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން