އެމްއައިއެފްސީގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާޓު
އެމްއައިއެފްސީގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާޓު
ރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހުޅުމާލޭ ފޭސް 3 ގައި ތަރައްޤީކުރާ މިމަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، އެކަމުގެ ރަމްޒީ ޕްލާގު އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤަތަރުގެ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދު މުޅިން ބަދަލުކޮށްލާ، ފަތުރުވެރިން އައު ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެއް ކަމަށެވެ. އަދި މިއަދު މިފެށޭ މަޝްރޫޢާއެކު އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައިވެސް އައު ދޮރުތަކެއް ހުޅުވިގެންދާނެކަމަށް ސާއިދު ވިދާޅުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީ ވަނީ ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މިފަދަ އުއްމީދީ މަޝްރޫޢެއްގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް ހުޅުވޭ މަގެއްކަމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގްލޯބަލް އިންވެސްޓްމަންޓް ގްރޫޕުގެ ސީއީއޯ ނަދީމް ޙަސަން ވިދާޅުވީ، މިއީ ހަމައެކަނި ޢުމްރާނީގޮތުން ގެނެވޭ ތަރައްޤީއެއް ނޫންކަމަށެވެ. އަދި މިއީ ޒަމާނީ ޓެކްނޮލޮޖީއާއި އިޤްތިޞާދީ ކުރިއެރުން ރަމްޒުކޮށްދޭނެ މުހިންމު މަޝްރޫޢެއްކަމަށް ނަދީމް ވިދާޅުވިއެވެ.

އޭގެއިތުރުން މި މަޝްރޫޢު ހަޤީޤަތަކަށް ހަދައި އޭގެ މަންފާ ރާއްޖެއަށް ހޯދައިދިނުމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ފަރާތުން ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ މިއަދު އަޅާފައިވާއިރު މިމަރުކަޒަކީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ މަރުކަޒެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން