ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައިި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ ފުލުހުންގެ ޚިދުމަތުގައި މި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.



މިރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔަރމަންޓް ކާޑު އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާއަށް އަށް އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑު ރޭންކަށް ކޮމިޝަނަރ އަލީ ޝުޖާއު އިސްކުރެވުނީ 2008 ވަނަ އަހަރުއެވެ. އެއަށްފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ލީޑަރޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވާފައިވެއެވެ. އަދި ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ޕްރޮފެޝަނަލް ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ފުލުހުންގެ ޚިދުމަތް ތަމްސީލު ކުރައްވާފައިވެއެވެ.



ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ 2023 ޑިސެމްބަރު 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން