މޯލްޑިވްސް 2.0" އަކީ ދިވެހިރާއްޖެ އިންޤިލާބީ ގޮތެއްގައި ޑިޖިޓަލައިޒްކުރުމުގެ މަގުފަހިކުރާ ފެށުމެއްކަމަށާއި، މިއީ ދައުލަތުގެ އެންމެހައި މުއައްސަސާތައް ހިމެނޭގޮތަށް ކުރިއަށްގެންދެވޭ ފުޅާ ދާއިރާއެއްގެ މަޝްރޫޢެއްކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ "މޯލްޑިވްސް 2.0" ސަމިޓް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"މޯލްޑިވްސް 2.0" އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އިސްނެންގެވުމަށް، ސަރުކާރުގެ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ޑިޖިޓަލް ނިޒާމަކުން މިހާރަށްވުރެ ފުޅާކޮށް ގުޅުވާލުމަށްޓަކައި ތަޢާރަފުކުރެވުނު ޚާއްޞަ މަޝްރޫޢެކެވެ.

"މޯލްޑިވްސް 2.0" ސަމިޓް އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މިއީ ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމާއި އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. އަދި މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ދައުލަތުގެ ތިން ބާރުގެވެސް ފުރިހަމަ ބައިވެރިވުމާއި ޝާމިލުވުން ހިމެނޭގޮތަށް ކުރިއަށްގެންދެވޭ މަޝްރޫޢެއްކަމުގައި ވަޒީރު އިހްސާން ފާހަގަކުރެއްވިއެވެ.

އިހުސާން ވިދާޅުވީ، "މޯލްޑިވްސް 2.0" އާއެކު ފެށިގެންދަނީ ދިވެހިރާއްޖެ އިންޤިލާބީ ގޮތެއްގައި ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިއީ ރައީސް ޑރ. މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން، މި ދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފަންނީ ލަފަޔާއި، ރާއްޖޭގައި މި ދާއިރާގައި ހަރަކާތްތެރިވާ ފުންނާބު އުސް މާހިރުންގެ ޚިޔާލާއި މަޝްވަރާއާއެކު އެކުލަވާލެވުނު މަޝްރޫޢެއްކަން ވަޒީރު އިހްސާން ފާހަގަކުރެއްވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އިތުރަށް ވިދާޅުވީ، "މޯލްޑިވްސް 2.0" ގައި ހިމެނޭ އެންމެހައި ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ބެއްލެވުމުގެ ދަށުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެސްޓޯނިއާގެ ރައީސް އޮފީހުގެ ޑިޖިޓަލް ކައުންސިލުގެ މެންބަރު އަދި އެސްޓޯނިއާގެ އީ-ގަވަރނަންސް އެކެޑަމީގެ ބާނީ، ލިނަރ ވިކް ވަނީ ދިވެހިރާއްޖެއާއި އެސްޓޯނިއާއަކީ ގިނަ ދާއިރާތަކަކުން އެއްގޮތްކަމެއް ހުރި ދެ ޤައުމު ކަން ފާހަގަކުރަށްވާފައެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ރޮނގުން ކުރިއެރުމަށް ދިވެހިރާއްޖެއިން ކުރައްވާ މަސައްކަތްތަކަށް، އެސްޓޯނިއާގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ "މޯލްޑިވްސް 2.0" ސަމިޓުގައި، "މޯލްޑިވްސް 2.0" ގެ ދަށުން ދިވެހިރާއްޖެ ޑިޖިޓަލީ ޓްރާންސްފޯމްވެގެންދާނެ ގޮތާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން ކަނޑައެޅިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާވެސް މި ސަމިޓުގައި އެކަށައެޅިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން