އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް
މައްކާ ރޫޓު އިނިޝިއޭޓިވްގައި މިއަހަރު ރާއްޖެ ހިމަނަން ސަޢުދީ އަރަބިއާ އިން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއަރޕޯޓްގައި ތިބެގެން ފުރިހަމަ ކުރެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ޖިއްދާގެ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު މިނިސްޓްރީން ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ހައްޖުވެރިންނަށް ލިބިގެންދާނެ ފަސޭހަތައްވެސް ހާމަކުރަށްވާފައެވެ.

އޭގެ ތެރޭގައި، ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި ހަމައެހެންމެ، ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުމާއި، ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން ހިމެނޭ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އޭގެއިތުރުން އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑުކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން މިފުރުސަތު މިހާތަނަށް ދީފައިވަނީ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށް ކަމަށެވެ. އޭގެ ތެރޭގައި މެލޭޝިއާ، ޕާކިސްތާނު އަދި އިންޑިއާ ފަދަ ގައުމުތައް ހިމެނެއެވެ.

އަދި ރާއްޖެއަށް މި ފުރުސަތު ލިބިގެން ދިޔުމަކީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން