މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިން، ފުލުހުންގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭގޮތަށް އަމަލުތައް ނުބެހެއްޓުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ އެފަދަ ކަންކަން ކަވަރު ކުރުމުގައި ނޫސްވެރިން ސަމާލުކަންދޭންވީ ކަންތައްތަކެއް އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި، އެއްވުންތައް ކަވަރުކުރާ ނޫސްވެރީން ފުލުހުންގެ ސަފުތަކުގެ ތެރެއަށް ނުވަނުމަށާއި، ފުލުހުންގެ ސަފުތަކާއި ނޫސްވެރިންނާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބަހައްޓައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

އޭގެއިތުރުން އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ އެކްރެޑިޓޭޝަން ކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރު ކުރުމަށާއި އަބަދުވެސް އެ ކާޑު ފެންނަ ގޮތަށް ހަށިގަނޑުގައި ހަރުކޮށްގެން މުޒާހަރާގައި ހަރަކާތްތެރިވާން ފުލުހުން ވަނީ އެދިފައެވެ.

އެކްރެޑިޓްކޮށްފައިވާ ފާސް ނެތް ނަމަ، އެ ފާސް ލިބެންދެން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ނޫސްވެރިއަކު ތަމްސީލުކުރާ މީޑިއާއެއްގެ ފާސް އެއްވުންތައް ކަވަރު ކުރުމުގައި ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެގޮތަށް އަމަލުކުރުމުން، ނޫސްވެރިންގެ މަސައްކަތަށްވެސް ލުއިފަސޭހަކަން ލިބިގެންދާނެކަމަށެވެ. އަދި ރައްކާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިވާނެ ކަމަށާއި މިކަމުގެ ސަބަބުން ފުލުހުންނާއި ނޫސްވެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާވެ ދެފަރާތުގެ މަސައްކަތަށް ފަހިކަން ލިބިގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިފަދައިން ފުލުހުން އިލްތިމާސްކޮށްފައި މިވަނީ، މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ނޫސްވެރިންގެ ފާސް އަޅައިގެން ތިބޭ ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންގެ ފޮޓޯ ނަގައި ފުލުހުންނަށް ދަތިވާގޮތަށް އަމަލުކުރާ ވީޑިއޯތަކެއް އާންމުވެފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން