އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމީ ޚުދުމުހުތާރުކޮށް ކަމަށް އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައެވެ.

އެގޮތުން ނާޒިލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.

ނަމަވެސް އެކަމަށްވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަހަމިއްޔަތުކަމެއް ދީފައި ނެތް ކަމަށާއި، އެ ކޮމިޓީން މިނިންމުން ނިންމާފައިވަނީ ހަމައެކަނި ޕީއެންސީގެ މެންބަރުން ބައިވެރިވި ސިއްރު ބައްދަލުވުމެއްގައި ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންކަމުން މި ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ނާޒިލް ވަނީ މަޖިލީހުގެ ރިޔާސަތަށް ގޮވާލައްވާފައެވެ.

އޭގެ އިތުރުން ޖުޑިޝަރީ ކޮމިޓީން ޤާނޫނީ ދާއިރާގެ ޖަމިއްޔާ، ޖަމާޢަތްތަކުގެ އިލްތިމާސްތަކަށް ގޮންޖަހައި ނިންމާފައިވަނީ ޚުދުމުޚުތާރު ނިންމުމެއް ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

“ރައީސް، އަނބުރާ ކޮމިޓީއަށް މި ރިޕޯޓު ފޮނުވާލަން އަޅުގަނޑު ގޮވާލަން. މި މަޖިލީހުގައި ކުރެވެން އޮތް ކަމެއް އެއީ އަނބުރާ ފޮނުވާލުން.” ނާޒިލް މިއަދު ވިދާޅުވިއެވެ.

ނާޒިލް މިހެން ވިދާޅުވެފައިވާއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ޖޭއެސްސީން ކުރިއަށް ގެންދިޔަ މި ތަހުގީގަކީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ފަނޑިޔާރު މަހާޒް މެދުވެރިކޮށް ޑރ. އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ބެލި މައްސަލައެކެވެ. މި ތުހުމަތުތަކަށް ދެ ފަނޑިޔާރުންވެސް ވަނީ އިންކާރު ކޮށްފައެވެ.

މި މައްސަލަ ބެލުމަށްފަހު ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ނިންމީ މިމަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން ފަނޑިޔާރުން ވަކިކުރުމަށް ތަޅުމަށް ހުށައެޅުމަށް އެ ކޮމިޓީން ފާސްކުރީ މިމަހުގެ އެގާރަ ވަނަ ދުވަހުއެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ނިންމާފައިވާއިރު، ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި އެބޭފުޅުންނާއެކު ސަސްޕެންޑް ކުރި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން