ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ކުރީގެ ސީޕީ ޢަލީ ޝުޖާއުއަށް ގުޅުއްވީ، އެމަނިކުފާނު ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަން ދަންނަވަންވެގެން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭ ފުރާޅު މައްޗަށް ވެއްޓުނު ޙާދިސާއާއި ގުޅިގެން، އަމީންގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.

ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އެގޮތުން އެމައްސަލައަށް ޖަވާބު ދާރީވެވަޑައިގަންނަވަމުން މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ، އެހާދިސާ އާ ގުޅުންހުރި ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރާނެކަން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވުމުން ކުރީގެ ސީޕީއަށް ގުޅުއްވި ކަމަށެވެ. ނަމަވެސް ސީޕީ ފޯނު ނުނަންގަވާ ކަމަށް އަމީން ވިދާޅުވިއެވެ.

ހަމައެއާއެކު އަމީން ވިދާޅުވީ، އެމައްސަލާގައި އެއްވެސް ގޮތަކުން ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރަށްވާފައި ނުވާނެ ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ޙާދިސާ އާއި އަމީންގެ ޢާއިލާއާއި ސީދާ ގުޅުމެއް އޮތްކަން މިހާތަނަށް އެނގިވަޑައިގެންފައި ނުވާކަމަށްވެސް އަމީން ވިދާޅުވިއެވެ.

“އަޅުގަނޑު ދިރިއުޅޭ ގޭގެ އެހެން އޯނަރުންނާ ވާހަކަދެއްކުމަށްފަހު އަޅުގަނޑުމެން ގެއަށް ފުލުހުން އައުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަން ދެންނެވުމަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްއަށް ގުޅާފައިވާނެ. ނަމަވެސް އެމަނިކުފާނު ފޯނަށް ޖަވާބު ދެއްވާފައެއްނުވޭ.” އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވެފައިވާއިރު، އަމީން ދިރިއުޅުއްވާ މާންދޫގެ ދެކުނުގެ ބަލައި ފާސްކުރުމަށްފަހު ފުލުހުން ބުނެފައި ވަނީ މިނިސްޓަރު އަމީންގެ ގެއިން ހާދިސާއާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެގޭގެ ސީސީޓީވީ ކެމެރާ ހަލާކުވެފައި ހުރުމުން، ކެމެރާގެ ފުޓޭޖް ފުލުހުންގެ ތަހުގީގަށް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން