ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަގާމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހަމަޖައްސައިފި އެވެ.

ޕީއެންސީގެ ސެނެޓުން މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ. އެގޮތުން، ކުރީގެ މައި ޕާޓީ ކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމާ ގުޅިގެން، އެ ޕާޓީގެ ނައިބު ރައީސުންގެ މަޤާމުގައި ތިއްބެވި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މުޙައްމަދު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ޕީއެންސީގެ ނައިބު ރައީސުންގެ މަޤާމަށް ޢައްޔަނުކުރުމަށް ވަނީ ނިންމާފައެވެ.

މި ދެ ބޭފުޅުން އިތުރުވުމާއެކު، ޕީއެންސީގައި މިހާރު ޖުމްލަ 8 ނައިބު ރައީސުން ތިއްބަވައެވެ. އެ ބޭފުޅުންނަކީ ޙުސައިން މުޙައްމަދު ލަޠީފާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް މުޙައްމަދު ނިމާލް އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ.

ޕީއެންސީގެ އެންމެ އިސް ފަންތީގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޕާޓީގެ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދު ﷲ އެވެ. ރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. ވެރިކަން ކުރާ މައިޕާޓީ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން