މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ގ. އެރިޔަދޫ، ރައުދު، އަހުމަދު ޒިލާލް 21، ފަސް ދުވަހަށް ބަންދު ކުރަން މި މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެެވެ. އެ އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް ބިނާކޮށެވެ. އޭގެތެރޭގައި ރައުދުގެ ބަންދު އިތުރު ކުރަން ފުލުހުން ނުބައި މާއްދައަކާ ހަވާލާދީ ކޯޓަށް ހުށަހެޅުމާއި އެއީ އޮޅުމެއް ކަމަށް ބުނެ އަނެއްކާވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރުމާއި ބަންދު މަޖިލީހުގައި އިންނެވި ގާޒީ އަމިއްލައަށް ދެ ހަސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ މުއްދަތު ޖެހުން ހިމެނެއެވެ. މީގެ އިތުރުން ގާޒީ ހަވާލާދިން މާއްދާގައި ބަޔާންކުރާ ގޮތާ ހިލާފަށް މުއްދަތު ދިނުމާއި އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުން ހިމެނެއެވެ.

ރައުދުގެ ބަންދުގެ މުއްދަތު ހަތަރު ފަހަރު މަތިން ކްރިމިނަލް ކޯޓުން މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ކޯޓުންފުރަތަމަ ފަހަރު ރައުދުގެ ބަންދަށް ދިނީ ފަސް ދުވަހެއެވެ. އަދި ދެވަނަ ފަހަރު 10 ދުވަސް އޭގެ ފަހުން ފަސް ދުވަސް އަދި މީގެ ތިން ދުވަސް ކުރިން 10 ދުވަހަށް ރައުދު ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައެވެ. އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ފުލުހުން އޭނާގެ މައްޗަށް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން