ރައީސް މުހައްމަދު މުއިއްޒު - ފޮޓޯ: ރައިސް އޮފީސް
ރައީސް މުހައްމަދު މުއިއްޒު - ފޮޓޯ: ރައިސް އޮފީސް
ރާއްޖޭގައި ކުޅިވަރު ޖަމިއްޔާތައް ހިންގުމުގައި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުޅިވަރު ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިޔާގެ ސުވާލުގައި ވަނީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ބެޑްމިންޓަން އެސޯސިއޭޝަންތައް ފަދަ ތަންތަނުގެ ހިންގުން ގޯސްވެ ކޮރަޕްޝަން ގިނަވެ އެތަންތަން ސަސްޕެންޑު ކުރަމުންދާކަން ފާހަގަ ކޮށްފައެވެ.

އަދި މިއަދު ތަސްދީގު ކުރެވުނު ގާނޫނުގެ ސަބަބުން އެފަދަ ޖަމިއްޔާތައް އެ ހާލަތަށް ވެއްޓުނަ ނުދިނުމަށް ކުރެވޭނީ ކޮންކަމެއްތޯ ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އެފްއޭއެމް ކަމުގައި ވީނަމަވެސް އަދި ބެޑްމިންޓަން އެސޯސިއޭޝަން ކަމުގައި ވީނަމަވެސް އެތަންތަނުގެ ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެކަމަށާއި ނުފޫޒެއް ނުފޯރުވާނެކަމަށެވެ.

ނަމަވެސް، ސަރުކާރުން ދާނީ ގާނޫނު ތަންފީޒުކުރުމަށް ގާނޫނުގައި އޮތް ގޮތަށް ހުރިހާ ކަމެއް އެ ކުރަން ޖެހޭ ފަރާތްތަކުން ކުރާކަން ކަށަވަރުކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން އެންމެ އިސްކަމެއް ދީގެން ކުރިއަށްދާނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސިޔާސަތެއް ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ކުޅިވަރާ ބެހޭ ޖަމިއްޔާތައް ރެގިއުލޭޓު ކުރުމުގެ ކަންކަން އިންޓަނޭޝަނަލް ބޮޑީސް ތަކުން ކުރަމުން ގެންދަވާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކުޅިވަރުގެ އެންމެ މުހިންމު އެއް ޖަމިއްޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް މިވަގުތު އޮތީ ކުރީގެ މެނޭޖުމަންޓްގެ އަމަލުތަކުގެ ސަބަބުން ފީފާއިން ނޯމަލައިޒޭޝަން ކޮމެޓީއެއްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަމަލުތަކުގެ ސަބަބުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުމަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އިން އެ އެސޯސިއޭޝަން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން