ޒަހީނުއްދީން ސަޢީދު   21 މޭ 2025 - 2:43
ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައިވާ ސަފީރު ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލަޔަންއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވީ ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ކޮމިޝަންގެ އޮފީސް، ބާލެމޮންޓް ބިލްޑިންގގައެވެ. ފަތްކޮޅު އެރުވުމަށްފަހު، ސަފީރު ޤީލާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހެޔޮއެދުންތައް ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސަށް އަރިސްކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދު އޮންނަ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސަފީރު ޤީލާ ދެއްވިއެވެ. އަދި މި ގުޅުން އިތުރަށް ވަރުގަދަކޮށް، ޔޫރަޕިއަން ޔޫނިއަން ކޮމިޝަނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ސަފީރު ވަނީ ފާޅުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް ވަނީ ސަފީރު ޤީލާއަށް މަރުޙަބާ ދަންނަވާފައެވެ. އަދި ސަފީރުގެ މި ދައުރުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން