މިއަދު ތަސްދީގު ކުރި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ޤާނޫނާއެކު އެމައްސަލަ އަށް ވަށާޖެހޭ ހައްލެއް ގާއިމްކުރެވިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ތަޞްދީޤުކުރެއްވި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވެގެން ދިޔުމުގެ އިތުރަށް، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާކުރެވޭނެއެވެ. އަދި، އެފަދަ ބާވަތްތައް އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން މަނާކުރުމުގެ އިތުރަށް، އެފަދަ ތަކެތި އަތުލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދީފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމު އިސްކޮށްގެން، ރައްޔިތުންނަށް ހެވާއިލާބަ އެދިގެން މިހާތަނަށް ސަރުކާރުތަކުން، ދުންފަތުގެ މައްސަލަތައް ފަދަ މައްސަލަތަކަށް ޙައްލުހޯދުމުގެ ސިޔާސީ ވިސްނުމެއް ގެންގުޅެފައިނުވާކަމަށެވެ. އެހެން ނަަމަވެސް އެމަނިކުފާނުގެ އަމާޒަކީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލުތަކެއް ހޯދައިދިނުން ކަމަށާއި މިފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ، ޤައުމުގެ މުސްތަޤްބަލައްޓަކާ ކުރެވޭ މުހިންމު ބޮޑު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިފަދަ މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ދުށުމަށް ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

އަދި މިފަދަ ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރުގެ ޕޮލިޓިކަލް ވިލް އޮތް ކަމަށާއި، މި އިޞްލާޙް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢު ބައިވެރިވާނަމަ، ޤައުމުގެ މުސްތަޤްބަލު ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމުގެ ކުރިމަގާއި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ އަމާޒު ކަށަވަރުކުރުމުގައި މިބިލަކީ އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް ވެގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޖެނެރޭޝަނަލް ބޭނެއްގެ އިތުރުން، ދުންފަތުން ދުރުވުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް ފެށި، އާންމުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިނގޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޤާނޫނު ތަންފީޒުކުރުމުގައި އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން ނޫންކަމަށާއި، އަމާޒަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗާ އެނޫންވެސް ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ގާނޫނުގެ ތެރެއިން ދުންފަތާއި ގުޅޭ ތަކެތި އަތުލުމާއި ނައްތާލުމާއި އެ ހުރިހާ ކަމެއްގެ އިޖްރާއަތްތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ވަނީ ވަށާޖެހޭ ހައްލެއް ގާއިމްކުރެވިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން