ޣައްޒާގައި ރައްކާތެރިކަން ނެތުމުގެ ސަބަބުން އަދި އެއްވެސް އެހީއެއް ބެހިފައި ނުވާ ކަމަށް އދ. އިން ބުނެފިއެވެ.

އދ. އިން މިހެން ބުނެފައި ވަނީ ނިރުބަވެރި އިސްރާއީލުން 11 ހަފްތާގެ ބްލޮކޭޑް އުވާލައި، ކެރެމް ޝަލޮމް ހުރަސްކޮށް އެހީދޭ ފަރާތްތަކަށް ވަކި މިންވަރަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދިންތާ ދެ ދުވަސް ފަހުންނެވެ.

"މިހާތަނަށް... ކެރެމް ޝަލޮމް ލޯޑިން އޭރިއާއިން އެއްވެސް ސާމާނެއް ނުނިކުމޭ،" އދ. ގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހީ ހިފައިގެންދާ ފަރާތްތަކަށް އިސްރާއީލުން މިހާތަނަށް ހުއްދަ ދިނީ ޣައްޒާ އެތެރޭގައި ދަތުރުކުރުމަށް އެކަނި ކަމަށެވެ. އަދި ކުރިއާ އެއްގޮތަށް އެހީގެ ޓްރަކްތައް ލޫޓުވާފާނެ ކަމުގެ ބިރުވެސް އަދިވެސް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް އެތެރެވާ ސާމާނު 11 ހަފުތާއަށް ހުއްޓުވުމަށްފަހު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ޖުމްލަ 98 އެހީ ޓްރަކް ވަދެފައިވާ ކަމަށެވެ. އެކަމަކު އެ އެހީތައް ޣައްޒާގެ ބޭކަރީތަކާއި މާރުކޭޓްތަކާއި ހޮސްޕިޓަލްތަކަށް ނުފޯރާ ކަމަށް އެހީދޭ އޮފިޝަލުން ބުނެ އެވެ.

"މި އެހީގެ ތެރެއިން އެއްވެސް އެހީއެއް - އެއީ ވަރަށް މަދު އަދަދެއްގެ ޓްރަކްތަކެއް - ޣައްޒާގެ އާބާދީއަށް ފޯރާފައެއް ނުވޭ،" ވޯލްޑް ފުޑް ޕްރޮގްރާމްގެ ކަންޓްރީ ޑިރެކްޓަރު އެންޓޮއިން ރެނާޑް ވިދާޅުވި އެވެ.

އެހީގެ ޓްރަކްތައް ޣައްޒާއަށް ވަނުމަށް އިސްރާއީލުން ހުއްދަ ދިނީ ބޭރުގެ ގައުމުތަކުގެ ޕްރެޝަރު އިންތިހާއަށް ބޮޑުވެގެންނެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް މިހާރުވެސް ވަނީ މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން