ނިރުބަވެރި އިސްރާއީލުން ސުންނާފަތިކޮށްފައިވާ ޣައްޒާގެ ބާރު އެއްކޮށް ނަގާނެ ކަމަށް ޔަހޫދީ ލީޑަރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ އިސްރާއީލުން ގާޒާގައި ކުރަމުން އަންނަ ހަނގުރާމަ ނިމޭއިރު މުޅި ގާޒާގެ ކޮންޓްރޯލް އޮންނާނީ އިސްރާއީލުގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި މި ހަނގުރާމަ ނިމޭއިރު ހަމާސް ވެސް ބަލި ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ނަތަންޔާހޫ ބުނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިން މަރުހަލާއަކަށް ބަހާލައިގެން އެހީގެ ތަކެތި ގާޒާއަށް އެތެރެ ވެވޭނެ ގޮތް ހަދާނެ ކަމަށެވެ.

ނިރުބަވެރި އިސްރާއީލުގެ މިލިޓަރީން ބުނީ އެމެރިކާގެ ކުންފުންޏެއް މެދުވެރިކޮށް ގާޒާއަށް އިންސާނީ އެހީ އާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެކުރަން ރާވާފައިވާ ކަމަށެވެ. އެގޮތުން ގާޒާގެ ވަކި ސަރަހައްދެއް އިސްރާއީލުން ކޮންޓްރޯލްކޮށް އެ ސަރަހައްދުގައި އާންމުންނަށް ރައްކާތެރި ޒޯނެއް ހަދަން ރާވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ހަނގުރާމަ ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ. އެކަމުގައި އިސްރާއީލުގެ ސަލާމަތީ ކަންކަން ކަށަވަރުކުރަން ގިނަ ޝަރުތުތަކެއް ކުރާނެ ކަމަށްވެސް އޭނާ އިތުރަށް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން