ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަމަލުކުރިގޮތުން ޤައުމުގައި އަދުލު އިންސާފު ނެތް މިންވަރު ހާމަވެއްޖެކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްޙީދު ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްޙީދު ވިދާޅުވީ، މި މަހުގެ 14 އަދި 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގުނު ދެ ވޯޓަކީ ވެސް ފޯނު ކޯލަކާ ގުޅުންހުރި ވޯޓުތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، 14 ވަނަ ދުވަހު ނެގުނު ވޯޓަކީ ދެ ފަނޑިޔާރުން ވަކިކުރުމަށް ނެގުނު ވޯޓެކެވެ.

"ޖޭއެސްސީ ތެރެއިން އައިއްސަ އަޅުގަނޑުމެންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ފާސްވެގެން އައީ ވެސް ހަމަ ފޯނުކޯލެއްގެ މައްސަލައިގައި. އެ ފޯނުކޯލު މައްސަލަ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ،" ޝަމްޙީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމްޙީދު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ނެގުނު ވޯޓަކީ ޓްރާންސްޕޯޓް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓް ކަމަށާއި މި ވޯޓުގައި ވެސް ފޯނު ކޯލެއްގެ މައްސަލަ އޮތް ނަމަވެސް، މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްނުވި ކަމަށެވެ.

"މީގެ ޙަޤީޤަތަކީ ދެވަނަ ފޯނުކޯލަށް، މި ވަޒީރު ކުރެއްވި ފޯނުކޯލަށް މަޖިލީހުގައި ވަޒީރު އެއްބަސްވި ތިމަން މަނިކުފާނު ކޮމިޝަނަރ އޮފް ޕޮލިސްއާ ގުޅުއްވި ކަމަށް. އެއީ ނުފޫޒަކަށް ނުވި. އެކަމަކު ފަނޑިޔާރަކު ކަމާ ނުބެހޭ އެހެން މީހަކަށް ގުޅި ކޯލުން އެއީ ނުފޫޒު ފޯރިކަމަށް ބަލައި ދެ ފަނޑިޔާރުން ވަކިވެގެންދިޔައީ،" ޝަމްޙީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަމްޙީދު ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު ޖޭއެސްސީގައި ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ދަށު ކޯޓުތައް ތަމްސީލު ކުރައްވާ ގާޒީ ފަރުހާދު ރަޝީދު ވަކިކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. މިއީ އިއްތިފާޤެއް ކަމަށް ބުނާ ނަމަވެސް، މި ދެ ފަނޑިޔާރުންނަކީ ކުރިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ދެކޮޅު ހެއްދެވި ދެ ފަނޑިޔާރުން ކަން ޝަމްޙީދު ފާހަގަކުރެެއްވިއެވެ.

"އަޅުގަނޑުމެން އެމްޑީޕީން އެބަ ތެދުވަންޖެހޭ މި ދެ ފަނޑިޔާރުންގެ ޙައްޤުގައި ސްޕުރީމް ކޯޓުގެ ފަނޑިޔާރުން ޙައްޤުގައި އަޅުގަނޑުމެން ނުކުތް ގޮތަށް، މި ދެ ފަނޑިޔާރުންގެ ޙައްޤުގައި މި އެމްޑީޕީން ނުކުންނަންޖެހޭ،" ޝަމްޙީދު ވިދާޅުވިއެވެ.

ޑރ. ޝަމްޙީދު މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވަކި ކުރަން ވޯޓު ނުދިން، ޖޭއެސްސީގައި ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ދަށު ކޯޓުތައް ތަމްސީލު ކުރައްވާ ގާޒީ ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލަތަކެެއް ޖޭއެސްސީން ބަލަން ވަނީ ނިންމާފައެެވެ.

އޭގެތެރެއިން ބައެއް މައްސަލަތަކަކީ ނުބަލަން ނިންމައި ޖޭއެސްސީން މީގެ ކުރިން ގޮތް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެކެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން