ހަނިމާދޫ އެއަރޕޯޓް
ހަނިމާދޫ އެއަރޕޯޓް
ހިތްގައިމު ހަނިމާދޫ އެއާޕޯޓް ކުރިއަށް އޮތް ތިންމަސް ތެރޭގައި ނިމޭނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.

މިއީ ރައީސް ސާލިޙުގެ ސަރުކާރުން އޮކްޓޯބަރ 2022 ގައި ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ހަނިމާދޫ އެއަރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީ ކޮށްފައިވާއިރު މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރަށް ތަރައްގީކުރާ އެއަރޕޯޓެކެވެ. މި މަޝްރޫޢުއަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވެއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ ޙިއްސާ ކުރަށްވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވެފައިވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމައި އަންނަ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ސަރުކާރާ ހަވާލު ކުރެވޭނެ ކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓް ވެގެންދާނީ ރާއްޖޭގައި މިހާރު ހުރި އެއާޕޯޓުތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް އެއާޕޯޓަށް ކަމަށް ސަފީރު ވިދާޅުވިއެވެ.

ހަމައެއާއެކު ހަނިމާދޫ އެއަރޕޯޓަކީ އިންޑިއާއިން ރާއްޖޭގައި ހިންގާ އެންމެ ފުރިހަމަ އެއް މަޝްރޫޢުކަން ސަފީރު ފާހަގަ ކުރެއްވިއެވެ. އަދި އެއަރޕޯޓްގެ ސަބަބުން ރާއްޖޭގެ އުތުރަށް އިޤްތިޞާދީ ގޮތުން ފައިދާވާނެ ކަމަށާއި، އެސަރަޙައްދަށް އަންނަ ފަތުރުވެރިންވެސް އިތުރުވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

މި އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށާފައިވާއިރު، މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެކެވެ.

ހަނިމާދޫ އެއާޕޯޓް ކުރިއަށް އޮތް ތިންމަސް ތެރޭގައި ނިމޭނެ ކަމަށް ސަފީރު ވިދާޅުވެފައިވާއިރު، މޯލްޑިވިއަނުން މިހާރު ވަނީ ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމް އަދި ބެންގަލޫރާއި ދެމެދުގައި ދަތުރުތައް ފަށައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން