މިއަންނަ 2026 ވަނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ހުޅުވި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025" ގެ ސްޓޯލްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާ މަޝްވަރާކުރައްވާފައިވާ 2026 ވަނަ އަހަރު މުޅި އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ގޮތަށް ކަނޑައެޅުމުން، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދުތައް، ޚާއްޞަކޮށް ޖީޑީޕީގެ 15 ޕަސެންޓް ކްރިއޭޓިވް އިންޑަސްޓްރީން ހާސިލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހިންގޭ ވަށާޖެހޭ ޕްރޮގްރާމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މި ކަމަށް ބޭނުންވާ ބަޖެޓު 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ދިވެހި އުފެއްދުންތެރިންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި "އޮތެންޓިކް މޯލްޑިވްސް" ޕްލެޓްފޯމް ފުޅާކުރެއްވުމަށްވެސް ގަސްދުކުރައްވާ ކަމަށެވެ.

މި ނިންމެވުމަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ދުވެލި އަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން