ޣައްޒާގައި ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލަކަށް ނިރުބަވެރި އިސްރާއީލުން ބޮން އަޅައި ގިނަ ބަޔަކު މަރާލައިފިއެވެ.

ހައްދުފަހަނަޅަ އަޅާފައިވާ އިސްރާއީލުގެ ސިފައިން ޣައްޒާގައި ހިންގަމުންދާ ލޭ އޮހޮރުވުމުގެ ތެރެއިން އިއްޔެ ދިން މި ހަމަލާގައި އެކަނިވެސް ކުށެއްނެތް 25 އަަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ރެޑްކްރޮސްގެ ދެ މަސައްކަތްތެރިންނާއި ނޫސްވެރިއަކާއި ބައެއް ކުޑަ ކުދިން ހިމެނެއެވެ.

އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެފައިވާއިރު ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރުވެސް ދަނީ މި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ދެ ދައުލަތަށް ބާރުއެޅުމަށް ގޮވާލަމުންނެވެ. އެގޮތުން ޔޫރަޕާއި އަރަބި 20 ގައުމެއްގެ ޚާރިޖީ ވަޒީރުން މެޑްރިޑްގައި މިހާރުވެސް ވަނީ ސުލްހައިގެ މަޝްވަރާތައް ކުރަމުންނެވެ. އަދި ހަނގުރާމަ ނުހުއްޓައިފިނަމަ އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވިސްނުމަށް ދުނިޔެއަށް އެގައުމުތަކުން އިލްތިމާސް ކުރެއެވެ.

މެދުއިރުމަތީގައި އިސްރާއީލުން ހިންގަމުންދާ ލޭއޮއޮހޮރުވުމަށް ކެތް ނުކުރެވިގެން ބައެއް ގައުމުތަކުން ވަނީ އިސްރާއީލަށް ހަމަލާތައް ދޭން ވެސް ފަށާފައެވެ. އެގޮތުން ދާދިފަހުން އިސްރާއީލުގެ މައި ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ވަނީ ބުނެފަ އެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަނީ އެ ހަމަލާ ހުއްޓުވާފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 53،939 މީހުން މަރުވެ، 122،797 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ އަޅުވެތިކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން