ލ. މުންޑޫ
ލ. މުންޑޫ
ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައެއްގައި އެ ސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އާދަމް އަލީގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ. އޭސީސީން ބުނީ މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު، ސިވިލް ސާވިސް ގަވާއިދާ އެއްގޮތަށް ވަޒީފާ އިން ވަކިނުކޮށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި އޭނާގެ ނަން ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރާ ހަމައަށް، އޭނާގެ މުސާރަ ދީފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު މުސާރަ ނެގީ އަލީ އާދަމް ކަމެއް ނުވަތަ އެ މުސާރަ ޖަމާވީ ވަކި ނުކޮށް ހުރި މުވައްޒަފަށް ކަމެއް ހާމައެއް ނުވެއެވެ.

މި މައްސަލާގައި އަލީ އާދަމްގެ މައްޗަށް އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ހާމަކުރި ގޮތުގައި މި މައްސަލާގައި ދައުލަތަށް 28،317.99ރ. ގެ ގެއްލުން ވަނީ ލިބިފައެެވެ. އެހެންކަމުން އެ ފައިސާ އަނބުރާ ހޯދުމަށް މުންޑޫ ސްކޫލަށް ވެސް އަންގާފައިވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން