ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައާއި ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު, ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މުއާމަލާތް ކުރެއްވި ކަމަށް ބުނެ ރާއްޖެއެމްވީ ގައި ޝާއިއުކުރި ހަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެ ނޫހުގައި މިއަދު ޝާއިއުކުރި ހަބަރެއްގައިވަނީ، އުއްތަމަފަނޑިޔާރާ ދެކޮޅަށް ޖޭއެސްސީއަށް އަމިއްލަ ފަރާތަކުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ހުށަހެޅީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާއި ގުޅޭގޮތުން މުއުތަސިމް އަދުނާނު، ރައީސް ނަޝީދާއި ގުޅުއްވިކަމަށް ބުނެކަމަށެވެ.

އެ ނޫހުގައި ބުނެފައިވަނީ، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ގޮނޑި ގެއްލޭގޮތަށް ގެނައި އިސްލާހުގެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރ ނިންމަވާ، އެކަން އުއްތަމަފަނޑިޔާރަށް އެންގެވުމުން އެމަނިކުފާނު ރައީސް ނަޝީދަށް ގުޅުއްވިކަމަށެވެ.

އަދި އެ މައްސަލަ ބަލައިގަންނަން ވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް، މައުލޫމާތު ދިން ފަރާތާއި ހަވާލާދީ ނޫހުގައި ބުނެފައިވެއެވެ.

އަދި ގުޅުއްވިކަން އެނގިގެން ބަންޑާރަ ނައިބު އަޙްމަދު އުޝާމް އެކަމާ ރުޅިދުރުވެ ވާހަކަ ދެއްކެވިކަމަށް ވެސް ނޫހުގައި ވެއެވެ.

މި ލިޔުމާއި ގުޅިގެން ރައީސް ނަޝީދުގެ އޮފީހުގެ ފަރާތުން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މުއުތަސިމް އަދުނާނަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާމެދު ވެސް ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނު އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަނު ކުރީވެސް އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ނަޝީދުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ "އަލިފުން ޔާޔަށް އޭގައި ހުރި ހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު" ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށެވެ.

އެނގިފައިވާ ގޮތުގައި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު މިހާރު ވަނީ މަގާމުން ރިޓަޔަރކުރެއްވުމަށް ހުށަހަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން