މޫނު ބުރުގާ އަޅައިގެން ފިހާރަައަކަށް ވަދެ 60,000 ރުފިޔާއަށް ވުރެ އަގުބޮޑު ގަޑިއެއް ނެގި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހުޅުދޫ/އަބުލަޣީގެ, މުހައްމަދު ސިމާދު (47އ.) އެވެ.

ބަންދު އަމުރުގައި ބުނީ 67,500 ރުފިޔާގެ "އޮމެގާ" ބްރޭންޑުގެ އެ ގަޑި ސިމާދު ވަގަށް ނެގީ އެހެން ތިން މީހަކާ ގުޅިގެން ރާވައިގެން ނެވެ.

އެހެން ނަމަވެސް އެ ގަޑި ނުހޯދޭ ކަމަށާއި އެ ގަޑި މިހާރު ވިއްކާލައިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެ މައްސަލައިގައި ސިމާދު 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވެސް ވަނީ އަމުރުކޮށްފަ އެވެ.

ސިމާދު މީގެ ކުރިން ވެސް އަންހެން ހެދުން އަޅައިގެން ވައްކަން ކުރުމުގެ ރެކޯޑް އޮންނައިރު ސައިކަލު ވަގަށް ނެގުމާއި ވަގު ނޫޓު ގެންގުޅުމާއި މަސްތުވާތަކެތި ވިއްކުމުގެ ރެކޯޑްވެސް އޮވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން