މާފުށީ ޖަލު
މާފުށީ ޖަލު
ވާނުވާގައި ތިބި ދެ މީހަކު ޓެގް އަޅުވައި އިއްޔެ ބަންދުން ދޫކޮށްލާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ނުވަތަ ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ޓެގް އަޅުވައިފައި އިއްޔެ ދޫކޮށްފައިވާ ކަމަށެވެ. އަދި އިތުރު ފަސް މީހެއް ދޫކުރުމުގެ މައްސަލަ މިއަދު ކޯޓުގައި ކުރިއަށްދާ ކަމަށްވެސް ޕީޖީން މަޢޫލޫމާތު ދީފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން، އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު، ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ، އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކޮށް ކަމަށެވެ.

“އެސެސްމަންޓުތައް މި އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން އިއްޔެ، 28 މޭ 2025 ގެ ނިޔަލަށް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 (ދޭއް) މީހެއްގެ ބަންދަށް، މޮނިޓަރިންގ ނިޒާމުގެ ތެރެއިން ލުއިދީފައިވާނެއެވެ. އަދި އިތުރު 5 (ފަހެއް) މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު، 29 މޭ 2025 ގައި ކޯޓުތަކުގައި ކުރިއަށްދާނެއެވެ.” ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ހަމައެއާއެކު ޕީޖީ އޮފީހުން ބުނީ، މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އެކަނި ކަމަށެވެ.

“ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.” ޕީޖީން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން ޕީޖީން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކުރެވިފައިވާއިރު، މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި އެއޮފީހުގެ އަމާޒަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ ދާއިމީ ޙައްލެއް ގެނައުން ކަމަށްވެސް ޕީޖީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ވާނުވާ ބަންދުގައި ތިބި މީހުން ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްލަން ފަށާފައިވާއިރު، ވާނުވާ ބަންދުގައި ގިނަ އަދަދެއްގެ ބަޔަކު ތިބެން ޖެހުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ރައީސަށް ހިއްސާ ކުރުމުން، އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން