ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް (މ)
ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް (މ)
ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު އޮތް މީހުން ޓެގް އެޅުވުމަށްފަހު ދޫނުކުރާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ނުވަތަ ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު، ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތް ކުރުމަށްފަހު ކަމަށެވެ.

އެގޮތުން ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އެކަނި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

“ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.” ޕީޖީން ހާމަކޮށްފައިވެއެވެ.

ޕީޖީން މިހެން ބުނެފައިވާއިރު މިހާތަނަށް ޓެގް އެޅުވުމަށްފަހު ދެމީހަކު މިހާރުވަނީ ބަންދުން ދޫކޮށްލާފައެވެ.

ވާނުވާ ބަންދުގައި ތިބި މީހުން ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްލަން ފަށާފައިވާއިރު، ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން