ފަހި ޔޫނިއަންގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ބޭފުޅުން
ފަހި ޔޫނިއަންގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ބޭފުޅުން
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި 4،000 ފުލެޓު ލިބުނު މީހުންގެ ލިސްޓުން ގިނަބަޔަކު މިހާރު އުނިވެފައިވަނީ ކުރީ ސަރުކާރުން އެކުލަވާލި އުސޫލު، މި ސަރުކާރުން ބަދަލުކުރުމުން ކަމަށް ފަހި ޔޫނިއަނުން ހާމަކޮށްފިއެވެ.

ފަހި ޔޫނިއަންގެ ޤާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބި، އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންގެ އަތުން އެ ފުލެޓުތައް އަތުލާނަމަ އެކަން ކުރެވޭނީ ކޯޓު މެދުވެރިކޮށް ކަމަށެވެ.

އެގޮތުން އަލީ ހުސައިން ވިދާޅުވީ ފުލެޓު ލިބުނު ގިނަ ބަޔަކު އެ ލިސްޓުން އުނިވީ، ކުރީ ސަރުކާރުން އެކުލަވައިލައި ގެޒެޓުކުރި އުސޫލު، މި ސަރުކާރުން ބަދަލުކުރުމުން ކަމަށެވެ. މި ސަރުކާރުން މީގެ ކުރިން އެ އުސޫލު ބަދަލުނުކުރާނެ ކަމަށް ބުނި ނަމަވެސް އެ ބަދަލުކޮށްފައިވާ ކަމަށާއި، އެކަން ގިނަ ރައްޔިތުންނަށް އަދިވެސް ނޭނގޭ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.

ހަމައެއާއެކު އަލީ ޙުސައިން މިއަދު ވިދާޅުވީ، ސަރުކާރާއި ފުލެޓް ލިބުނު ފަރާތްތަކާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށްފަހު ކަމަށެވެ. އަދި ފުލެޓު އެއްބަސްވުން ހެދުމާއެކު، އެ ފްލެޓުތަކުގެ ހައްގުވެރި ފަރާތްތަކަށްވާނީ، ފުލެޓު އެއްބަސްވުމުގައި ސޮއިކުރި މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ކޮންޓްރެކްޓާ ބެހޭ ގާނޫނަށް ބަލާއިރުވެސް، އީޖާބާއި ގަބޫލު ހިންގުމުން އެއްބަސްވުމެއް އުފަންވާނެކަން އެނގޭ ކަމަށާއި އެއީ ނިމިފައިވާ މުއާމަލާތެއް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

“ފުލެޓު އަނބުރާ ސަރުކާރަށް އަތުލެވޭނެ ހަމައެކަނި ގޮތަކީ ކޯޓަށް ގޮސްގެން. ކޯޓުގެ ތިން މަރުހަލާ ނިންމައިގެން ނޫން ގޮތަކަށް މި ފުލެޓުތަކެއް ހަގީގަތުގައި ސަރުކާރަށް އަތެއް ނުލެވޭނެ.” ޢަލީ ހުސައިން ވިދާޅުވިއެވެ.

އޭގެއިތުރުން ޢަލީ ޙުސައިން ވިދާޅުވީ، މި ސަރުކާރުން މިހާރު އާއްމު ކޮށްފައިވާ ފްލެޓް ލިސްޓުގެ ސަބަބުން، ކުރިން ފުލެޓު ލިބުނު މީހުންގެ ތެރެއިން މިހާރު ފްލެޓް ގެއްލިފައިވާ މީހުންނަށް، ސަރުކާރާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމަށްޓަކައި ބޭނުންވާ ގާނޫނީ އެހީ ފަހި ޔޫނިއަން ޖަމިއްޔާގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓު އަލުން އިވެލުއޭޓް ކުރުމަށްފަހު، މިސަރުކާރުން ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިދިޔަ ފެބްރުވަރީ މަހު 27ގައެވެ.

އެ ލިސްޓު އަލުން ނެރުނުއިރު މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭ ކަމަށް ކަނޑައެޅި 4،939 މީހެއްގެ ފޯމު އަލުން ބަލައި، މި ސަރުކާރުން އާންމުކުރި ލިސްޓުގައި ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވަނީ 1،820 މީހުންނަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދިން ދޮޅު މަހުގެ މުއްދަތު އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ހަމަވިއިރު 8602 ޝަކުވާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އަލުން ބަލަން ނިންމީ، ފްލެޓް ލިބުނު މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ހިމެނޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީހުން ހާމަވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން