ހުޅުމާލޭ ހިޔާ ފްލެޓްތައް
ހުޅުމާލޭ ހިޔާ ފްލެޓްތައް
ރިޔާސީ އިންތިޚާބުގައި ވައުދުވެފައިވާ ގޮތަށް، އެއްވެސް ހައްގުވެރިއެއްގެ އަތުން ގޯއްޗާއި ފްލެޓް އަތުނުލަށްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ދަޢުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވެފައިވަނީ، ރައީސް ޞާލިޙްގެ ސަރުކާރުން ހިންގި ސޯޝަލް ހައުސިން މަޝްރޫއުތަކުން ގޯއްޗާއި، ފްލެޓް ލިބިފައިވާ ހައްގުވެރިންގެ އަތުން އެތަންތަން އަތުނުލަށްވާނެ ކަމަށެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ، ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފޯރުކޮށްދީގެން އެފަދަ ތަންތަން ހޯދާފައިވާނަމަ އެމައްސަލަތައް ބައްލަވާނެ ކަމަށެވެ. އަދި ބިންވެރިޔާ އަދި ގެދޮރުވެރިޔާ މަޝްރޫއުން ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ އަތުން، އެ ތަންތަން އަތުލާ ނަމަ، އެކަން ކުރާނީ ނުހައްގު ނުވަތަ ޤާނޫނުތަކާއި ގަވާއިދާ ފުށޫއަރާ ގޮތަށް ލިޔެކިޔުންތައް ހުށަހަޅާފައިވާ ނަމަ ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން މިހާރު ނިންމާފައިވަނީ ފްލެޓާއި ގޯތި ލިބޭ މީހުންގެ ތެރެއިން ނޮވެމްބަރު 2023 ގައި ކުރީ ސަރުކާރުން އާންމުކުރި ލިސްޓު ފިޔަވައި އިތުރު ލިސްޓެއް ނުނެރުމަށެވެ.

އެގޮތުން، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާއިން ކޮށްފައިވާ އިއުލާނާއެކު ވާ ލިސްޓަށް ކަމަށް މިހާރުގެ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އަލުން ބަލަން ނިންމީ، ފްލެޓް ލިބުނު މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ހިމެނޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީހުން ހާމަވުމާ ގުޅިގެންނެވެ.

އަދި މިސަރުކާރުން އެ ލިސްޓު އަލުން މުރާޖަޢާ ކުރުމަށްފަހު ނެރުނުއިރު މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭ ކަމަށް ކަނޑައެޅި 4،939 މީހުންގެ ތެރެއިން ފުލެޓަށް ޝަރުތު ހަމަވެފައިވަނީ 1،820 މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން