ހުޅުމާލެ
ހުޅުމާލެ
18 އަހަރުންމަތީގެ އެންމެންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް މިއަހަރު ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވެފައިވަނީ، އުމުރުން 18 އަހަރުވެ، އަމިއްލަ ގެދޮރެއް ނެތް ކޮންމެ ދިވެހި ރައްޔިތަކަށް، “ފަސްޓް ހޯމް” ނުވަތަ އަމިއްލަ ގެދޮރު ކަށަވަރުކޮށްދީ އެކަމުގެ ލިޔުން މިއަހަރު ނިމުމުގެ ކުރިން ޙަވާލު ކުރާނެ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ ލިޔުން ހަވާލުކުރާއިރު އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަންވެސް ޔަގީން ކޮށްދެއްވާނެ ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ޚިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“މާލޭގައިވެސް، އެއްވެސް ރަށެއްގައިވެސް، ފަސްޓް ހޯމް ނުވަތަ އަމިއްލަ ފުރަތަމަ ގެ ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން. އެމީހުންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން ކަށަވަރު ކޮށްދޭނަން. ރަސްމީގޮތުން އެކަން ކަށަވަރުކޮށް މިއަހަރު ނިމުމުގެ ކުރިން ލިޔުން ދޭނަން.” ރައީސް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ރައީސް މިއަދު ވަނީ މާލޭގައި ދިރިއުޅޭ މީހުންގެ އިތުރުން އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށްވެސް ގެދޮރުވެރިކަން ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަޙައްދުގައި ބިން ހިއްކައިގެން ގުޅިފަޅާއި، ގިރާވަރުފަޅާއި، އުތުރު ތިލަފަޅާއި، ރަސްމާލެ އަންނަނީ ތަރައްޤީ ކުރަމުންނެވެ. އަދި މާލެ ސިނަމާލެ ހުރި ސަރަޙައްދުގައި 2000 ފްލެޓާއި، ވިލިމާލޭގައި 500 ފްލެޓާއި، ހުޅުމާލޭގައި 4000 ފްލެޓް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން