ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް
ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް
ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް މި ސަރުކާރުން އިއުލާނު ކޮށްފައިވާ ހިޔާވަހި ސްކީމަށް 2256 މީހުން ފޯމު ހުށައަޅާފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިސަރުކާރުން 5 ނޮވެމްބަރު 2024 ގައި އިއުލާނުކުރި ހިޔާވަހި ސްކީމަށް އެދި ފޯމު ހުށަހެޅޭ އެންމެ ފަހު ތާރީހަކީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހެވެ. ހިޔާވަހި ސްކީމަށް ފޯމު ހުށައެޅުމުގެ ފުރުޞަދު ދީފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ސްކީމަށް އެދި ހުށައެޅުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 2256 ފޯމު ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ކުދި ރަށްތަކަށް ޚާއްސަ “ރަށްވެހި” ސްކީމަށް 1329 ފޯމު، އަރބަން ސެންޓަރުތަކަށް ޚާއްސަ “ސަހަރު” ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ޚާއްސަކޮށްފައިވާ “ފަހިމާލެ” ސްކީމަށް 341 ފޯމު ހުށައަޅާފައިވެއެވެ.

ސަރުކާރުން މީގެކުރިން ހާމަކޮށްފައިވަނީ، މިސްކީމަށް ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާތާ 3 މަސްދުވަހުގެ ތެރޭގައި ލޯނު ދޫކުރަން ފަށާނެ ކަމަށެވެ. އަދި މި ސްކީމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި 1 ބިލިޔަން ރުފިޔާ ޚާއްސަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މި ސްކީމަށް ސަރުކާރުން 1 ބިލިޔަން ރުފިޔާ ބޭންކުތަކަށް އިންވެސްޓް ކުރި ނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ 2 ބިލިޔަނާ ހަމައަށް ލޯނު ދޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި ސްކީމްގެ ތެރެއިން، މުޅިން އަލަށް ގެދޮރު އިމާރާތްކުރާ މީހުންނަށާއި، ގެދޮރު މަރާމާތު ކުރުމުގެ މަސައްކަތަށްވެސް މާލީ އެހީތެރިކަން ހޯދޭނެއެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެކެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ސްކީމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން